ޤައުމީ ނިއުސް އޭޖެންސީއެއް އުފެއްދުމަށް ސަރުކާރުން ނިންމައިފި

ޤައުމީ ނިއުސް އޭޖެންސީއެއް އުފެއްދުމަށް ސަރުކާރުން ނިންމައިފި

Author
ހުސައިން
07 އޮގަސްޓް 2025 03:03
0

ދިވެހިރާއްޖޭގައި ޤައުމީ ނިއުސް އޭޖެންސީއެއް ޤާއިމުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން މަސައްކަތް ފެށުމަށް ނިންމައިފިއެވެ. މިކަމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ.

ފަހުމުނާމާގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހީމް ވަހީދު ކަމަށާއި، ޕީއެސްއެމްގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީން ސޮއިކުރެއްވި ކަމަށް މަޢުލޫމާތު ލިބެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހީމް ވަހީދު ފާހަގަކުރެއްވީ، ދިވެހިރާއްޖޭގައި މީޑިއާ ހިންގުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. ކުޑަ ބަޖެޓަކާއި މަދު މުވައްޒަފުންނާއެކު މީޑިއާ ހިންގަން ޖެހުމަކީ މީޑިއާތައް ކުރިއަށް ނުދާން މެދުވެރިވާ މައިގަނޑު ސަބަބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ނިއުސް އޭޖެންސީ ޤާއިމުވުމުން، ޚާއްޞަކޮށް އަލަށް އުފެދޭ މީޑިއާތަކަށް، މަދު މުވައްޒަފުންނާއެކު ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަލަށް ޤާއިމުކުރާ ނިއުސް އޭޖެންސީގެ ޚިދުމަތްތައް ޑިޖިޓަލް ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މި ޕްލެޓްފޯމުގައި ރަޖިސްޓަރީކުރާ މީޑިއާތަކަށް ޚަބަރާއި މަޢުލޫމާތުގެ އިތުރުން، ފޮޓޯއާއި ވީޑިއޯ ކޮންޓެންޓްވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޔޫތު މިނިސްޓްރީގެ ފުރިހަމަ ބައިވެރިވުން އޮންނާނެއެވެ.

މަޢުލޫމާތު ފެތުރުމުގެ ދާއިރާ ހަރުދަނާކޮށް، ޚަބަރާއި މަޢުލޫމާތު ލިބިގަތުމުގެ ފަސޭހަތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވާއިރު، މި ނިއުސް އޭޖެންސީ ޤާއިމުކުރުމަކީ އެ ސިޔާސަތު ތަންފީޒުކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.