ދައުލަތުގެ ދަރަނި އަދާކުރުމަށް 7 މަސްތެރެ ރިޒާވުން 213 މިލިއަން ޑޮލަރު ޚަރަދުކޮށްފި

ދައުލަތުގެ ދަރަނި އަދާކުރުމަށް 7 މަސްތެރެ ރިޒާވުން 213 މިލިއަން ޑޮލަރު ޚަރަދުކޮށްފި

Author
ހުސައިން
07 އޮގަސްޓް 2025 12:16
0

ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވުން 213 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި އަދަދަކީ 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 60 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އެމްއެމްއޭގެ މަޢުލޫމާތު ތަކުން ދައްކާ ގޮތުގައި ރިޒާވުން އެންމެ ގިނައިން ޚަރަދުވަނީ ތެލާއި ކާބޯތަކެއްޗާއި ބޭހާއި މެޑިކަލް ސާމާނު ރާއްޖެ އަށް އެތެރެކުރުމަށެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް މި ބޭނުންތައް ފުއްދުމަށްޓަކައި ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު ނުވަތަ 4.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރި އެވެ.

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އެންމެ ބޮޑަށް އާމްދަނީ ލިބެނީ ޓޫރިޒަމް ދާއިރާއިން ސަރުކާރަށް ލިބޭ ޓެކްސް އާއި ފީތަކުންނެވެ. މި އަހަރުގެ ފުރަތަމަ 7 މަހުގައި މިގޮތުން ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 30 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް ބަދަލުކުރާ ޑޮލަރުގެ ތެރެއިން، ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކަންޖެހޭ ހިއްސާގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް 247.2 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް އެމްއެމްއޭގެ ބަޔާނުގައި ހިމެނެ އެވެ.

އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ ބޭނުންތަކަށް، ކިޔެވުމަށާއި ބޭސްފަރުވާ އަށާއި ބޭރަށް ދަތުރުކުރާ މީހުންނަށް ދޫކުރާ 500 ޑޮލަރު ހިމެނޭ ގޮތުން، މި އަހަރުގެ 7 މަހުގައި 217 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް މަރުކަޒީ ބޭންކުން މަޢުލޫމާތު ދީފައިވެ އެވެ.

ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވުގައި 832 މިލިއަން ޑޮލަރު ހުރި އިރު، ޔޫޒަބަލް ރިޒާވުގައި ހުރީ 202 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭ އިން ހާމަކުރި އެވެ.

2021 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރިޒާވު ދަށްވަމުން އައިސް، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި 371.2 މިލިއަން ޑޮލަރަށް ވެއްޓުނު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. ނަމަވެސް އޭގެ ފަހުން ޓެކްސް އާމްދަނީ އިތުރުވުމާއި، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރުމާއި، ކަރަންސީ ސްވޮޕް އެއްބަސްވުންތައް ވެވުމުގެ ސަބަބުން ރިޒާވު އަލުން އިތުރުވާން ފަށާފައިވެ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރިޒާވަށް ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި 2022 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ތެޔޮ އިމްޕޯޓްކުރުމަށް ކުރާ ޚަރަދު ބޮޑުވުން ހިމެނެ އެވެ. 2017 އިން 2021 އަށް އަހަރަކު ތެލަށް ކުރާ ޚަރަދު އެވްރެޖްކޮށް 33 ޕަސެންޓުގައި ހުރި ނަމަވެސް، 2022 އިން 2024 އަށް މި އަދަދު 49 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރި އެވެ.

މީގެ އިތުރުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށާއި، އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭ އިން ވިއްކާ ޑޮލަރުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވުމާއި، ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި އިތުރުވުމުގެ ސަބަބުން ސަރުކާރަށް ބޭރުން ފައިނޭންސިންގ ހޯދުން ދަތިވެފައިވުން ވެސް ރިޒާވަށް ނޭދެވޭ އަސަރުކުރި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.