ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން 873,003 ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު 10 މާކެޓުން އައި ފަތުރުވެރިންނެވެ. މިއީ ޖުމްލަ ފަތުރުވެރިންގެ 65.6 ޕަސެންޓެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. ޗައިނާއިން މި އަހަރުގެ މިހާތަނަށް 197,127 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައިގައި އޮތް ރަޝިއާއިން 157,088 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 123,449 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އިޓަލީއިން 94,866 ފަތުރުވެރިންނާއި ޖަރުމަނުން 92,980 ފަތުރުވެރިން އައިސްފައިވާއިރު، އިންޑިއާއިން 76,469 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެމެރިކާއިން 40,310 ފަތުރުވެރިން، ފްރާންސުން 38,109 ފަތުރުވެރިން، ސްޕެއިނުން 26,848 ފަތުރުވެރިން އަދި ސްވިޓްޒަލޭންޑުން 25,757 ފަތުރުވެރިން މި އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ޖުމްލަ 972,030 ފަތުރުވެރިން ނުވަތަ 73.2 ޕަސެންޓް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. ގެސްޓްހައުސްތަކުގައި 292,393 ފަތުރުވެރިން ނުވަތަ 22 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު، ހޮޓާތަކުގައި 35,394 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. ޓޫރިސްޓް އުޅަނދުތަކުގައި 27,668 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު، އެހެނިހެން ތަންތަނުގައި 967 ފަތުރުވެރިން ހުރިކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް 175 ރިސޯޓާއި 889 ގެސްޓްހައުސް ހިންގަމުންދާއިރު، 159 ސަފާރީ އުޅަނދާއި 16 ހޮޓާ ވެސް ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.
ކޮމެންޓު ފޮނުވާ