ސްރީ ލަންކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފުލުހުންގެ އެންމެ އިސްވެރިޔާ މަޤާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ. މި ނިންމުން ނިންމީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ދޭޝަބަންދޫ ތެންނަކޫންގެ މައްޗަށް ފުލުހުންގެ ސުލޫކާ ޚިލާފުވުމާއި، ބާރުގެ ނާޖާއިޒު ބޭނުން ހިފުމުގެ 19 ތަފާތު ދަޢުވާ ސާބިތުވުމާ ގުޅިގެންނެވެ.
މި މައްސަލަ ފެށިގެން އައީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައްސޭރިފަށުގެ ވެލިގަމާ ރިސޯޓުގައި ފުލުހުންގެ ދެ ޔުނިޓެއްގެ މެދުގައި ހިނގި ކުރިމަތިލުމެއްގައި ފުލުހަކު މަރުވުމުންނެވެ. މައްސަލަ ތަޙުޤީޤުކުރި މަޖިލީހުގެ ކޮމިޓީއަކުން ދެއްކި ގޮތުގައި، ފުލުހުންގެ ރެއިޑަކަށް ހަތިޔާރު އެޅި ފުލުހުންގެ އެހެން ޔުނިޓެއް އެ ތަނަށް ފޮނުވީ ތެންނަކޫންގެ ސީދާ އަމުރަށެވެ.
ކޮމިޓީން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތެންނަކޫން 85،000 ފުލުހުންގެ މައްޗަށް އެކުލެވޭ ސްރީ ލަންކާގެ ފުލުހުންގެ ޚިދުމަތް ބޭނުންކުރަމުންދިޔައީ ކްރިމިނަލް ނެޓްވަރކެއްގެ ގޮތުގައެވެ. މި ވާހަކަ ބުނެދެއްވީ ކޮމިޓީއަށް މަޢުލޫމާތު ދެއްވި ޕްރޮސެކިޔުޓަރެކެވެ.
ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގހަގެ ސަރުކާރުން 2023 ވަނަ އަހަރު ތެންނަކޫން އިންސްޕެކްޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރިއިރުވެސް ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަނީ އޭނާ އެ މަޤާމަށް އެކަށީގެންނުވާކަމަށް ބުނެ އިޢުތިރާޒުކޮށްފައެވެ. އޭނާ މި މަޤާމަށް ޢައްޔަނުކުރުމުގެ ކުރިން ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އަނިޔާކުރިކަމަށް ސުޕްރީމް ކޯޓުންވެސް ވަނީ ކަނޑައަޅައިފައެވެ.
މިހާރު މަޖިލީހުން ފާސްކުރި މި ނިންމުމަކީ ސްރީ ލަންކާގެ ފުލުހުންގެ ތާރީޚުގައި މިފަދަ މަތީ ފެންވަރެއްގައި ތިބި ވެރިންނާ މެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރު ކަމުގައިވާތީ، އެ ޤައުމުގެ ޤާނޫނު ހިންގުމުގެ ދާއިރާގައި މުހިންމު ބަދަލެއް ކަމުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ