ދިއްފުށިން ފަތުރުވެރިކަމަށް 50 އަހަރު ދުވަހަށް ހަތަރު ބިމެއް ކުއްޔަށް ދޫކުރަނީ

ދިއްފުށިން ފަތުރުވެރިކަމަށް 50 އަހަރު ދުވަހަށް ހަތަރު ބިމެއް ކުއްޔަށް ދޫކުރަނީ

Author
ޙަސަން މުޙައްމަދު
06 އޮގަސްޓް 2025 08:40
0

ކ. ދިއްފުށިން ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ހަތަރު ބިން 50 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފައިވާ ކަމަށް އިއުލާންކޮށްފައެވެ. މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޝަރުތު ހަމަވާ ހުރިހާ ވިޔަފާރިތަކަށް މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ.

ކައުންސިލުން ބުނި ގޮތުގައި މި ބިންތައް ދޫކުރަނީ ރަށުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، އިގްތިސާދު ހަރުދަނާ ކުރުމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްގީކުރުމުގެ މަގްސަދުގައެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ފަހިވެ، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިއްފުށީގެ މަގުބޫލުކަން އިތުރުވާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.

ބީލަމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ލިބޭނެއެވެ. ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 12:45 އާ ދެމެދު ދިއްފުށީ ކައުންސިލް އިދާރާއަށް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅިދާނެއެވެ. ނުވަތަ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އެޑްރެސް [email protected] އަށް މެއިލް ކޮށްގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ފޯމް ލިބޭނީ ގެޒެޓް، ކައުންސިލް އިދާރާ، ދިއްފުށީ ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ކައުންސިލްގެ ފޭސްބުކް ޕޭޖުންނެވެ. ބީލަން ފޮތުގެ އަގު ކަމަށް ކަނޑައަޅާފައިވަނީ 25,000 ރުފިޔާއެވެ. ބީލަން ހުށަހަޅަން ޖެހޭނީ އޮގަސްޓް 21 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދިއްފުށީ ކައުންސިލް އިދާރާއަށެވެ. ބީލަން ހުޅުވުންވެސް އޮންނާނީ ހަމަ އެ ގަޑީގައި ކައުންސިލް އިދާރާގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިއްފުއްޓަކީ އެންމެ ފަހުގެ ދުވަސްތަކުގައި ރަށު ފަތުރުވެރިކަން ވަރަށް ބާރަށް ކުރިއަރަމުން އަންނަ ރަށެކެވެ. މާލެ ސަރަހައްދާ ގާތްކަމުގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް މިހާރު ދިއްފުށި އިޚްތިޔާރު ކުރަމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.