ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވާން ދާއިރު މާލީ ޒިންމާދާރުކަން ކަށަވަރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ފާސްވީ 52 މެންބަރުންގެ ތާއީދާއެކު، 7 މެންބަރުން ދެކޮޅަށް ވޯޓުދެއްވުމުންނެވެ.
ފާސްކުރި އިސްލާހުގެ ދަށުން، ކައުންސިލެއްގެ ދައުރު ހަމަވުމާ ދެމެދު 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށް މެނުވީ ވަކި ކަންތައްތަކެއް ނުކުރެވޭނެއެވެ. މި ކަންތައްތަކުގެ ތެރޭގައި ދާއިމީ ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ފަޅުތައް ކުއްޔަށް ދިނުމާއި، ތަރައްގީ ޕްލޭންގައި ނުހިމެނޭ އާ މަޝްރޫއުތައް ފެށުން ހިމެނެއެވެ.
މި އިސްލާހުތަކަކީ ކައުންސިލްތަކުގެ ދައުރު ނިމުމާ ގާތްވާއިރު ޒިންމާދާރު ޚަރަދުތައް ކުރުން ހުއްޓުވައި، އާ ކައުންސިލަށް ސާފު މާލީ ހާލަތެއްގައި ޒިންމާތައް ހަވާލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް ބައެއް ކައުންސިލްތަކާއި އެމްޑީޕީން މި އިސްލާހުތައް ފާޑުކިޔައި، ކައުންސިލްތަކުގެ މިނިވަންކަމާއި އިޚްތިޔާރުތައް ކުޑަވާނެ ކަމަށް ވިދާޅުވެއެވެ.
މި ގާނޫނު އިސްލާހުވުމުން ކައުންސިލްތަކުގެ ފަހު އަހަރުގައި ތަރައްގީގެ މަޝްރޫއުތައް ފެށުމާއި މުވައްޒަފުން ނެގުމުގައި އިތުރު ހަރުދަނާ ނިޒާމެއް ގާއިމުވެ، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރުމުގައި ޒިންމާދާރުކަން އިތުރުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ