ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ: ތަހުގީގަށް ޔުމްނު ބަޔާން ނުދީ 8 މަސް

ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ: ތަހުގީގަށް ޔުމްނު ބަޔާން ނުދީ 8 މަސް

Author
ހުސައިން
06 އޮގަސްޓް 2025 12:08
0

ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓި ބޮޑެތި އަނިޔާތައް ލިބުނު ޔުމްނު ރަޝީދުގެ ބަޔާން އަދިވެސް ނެގިފައި ނުވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ. މިދިޔަ އޭޕްރީލް މަހުގެ 18 ގައި ހިނގި މި ހާދިސާއާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދާތާ 8 މަސްދުވަސް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ބުނީ ޔުމްނުގެ ބަޔާން އަދި ނުނެގޭ ކަމަށެވެ. ހާދިސާގެ ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަކީ މުހިންމު ކަމެއް ކަމުގައި ވިޔަސް، އާއިލާގެ އެއްބާރުލުން ނުލިބޭކަން މީގެ ކުރިން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މައްސަލަ ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތްކޮށްފައިވެއެވެ. ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގިގޮތުގެ މައުލޫމާތު ސާފުކުރުމަށްޓަކައި ކޮމިޝަންގެ މެންބަރަކު މެލޭޝިއާއަށް ގޮސްގެން ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޔުމްނުގެ ބަޔާން ނެގުމުގެ ފުރުޞަތު ހަމަޖައްސައިދިނުމަށް އާއިލާގައި އެދިފައިވެއެވެ. އެކަމަކު އެ ސިޓީއަށް އާއިލާއިން ޖަވާބެއް ދީފައިނުވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފުރާޅު މައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޔުމްނު މިހާރު ދިރިއުޅެމުންދަނީ މެލޭޝިއާގައެވެ. މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާއެކު ޔުމްނުގެ ބަޔާން ނެގޭނެކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވީ ނަމަވެސް، އެ މަސައްކަތް އަދި ކާމިޔާބު ވެފައިނުވާކަން މިއަދު ފުލުހުން ހާމަކުރި މައުލޫމާތުން އެނގެއެވެ.

މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ ޔުމްނު ވެއްޓުމާ ހަމައަށް ފަހުވަގުތާ ޖެހެންދެން އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު، ހާދިސާގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާން ނުނެގި ތަހުގީގު ފުރިހަމަކުރުމަކީ ގޮންޖެހުމެއް ކަމުގައި ގާނޫނީ ދާއިރާގެ ބައެއް ފަރާތްތަކުން ފާހަގަކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.