ރާއްޖޭގެ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މުހިންމު ބިލުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ބޭނުންވާ މައުލޫމާތު ނުދީގެން ހުއްޓިފައިވާ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުނެފިއެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި، އެސްޑީއެފް ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ މައުލޫމާތަށް އެކި ފަހަރު މަތިން އެދިފައިވީ ނަމަވެސް، މަޖިލީހުން ކަނޑައެޅި ތާރީހުތަކަށް އެ މައުލޫމާތު ލިބިފައި ނުވެއެވެ. މިކަމާ ގުޅިގެން ސަރުކާރު ތަމްސީލުކުރާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެޓީގެ އިދާރީ މޭޒުން މައުލޫމާތު ދިން ގޮތުގައި، ބިލު ކޮމެޓީއަށް ލިބުމާއެކު ފިނޭންސް މިނިސްޓްރީގެ ކޮމެންޓަށް ފޮނުވި ނަމަވެސް، އައިއެމްއެފްގެ ރިކުއަމެންޓުތަކާ އެއްގޮތަށް ބިލަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާ ކަމަށް މިނިސްޓްރީން އެންގިއެވެ. އެ ބަދަލުތައް ކޮމެޓީއަށް ލިބުނީ ދެތިން މަސް ފަހުންނެވެ.
އައިއެމްއެފްގެ ލަފާގެ މަތިން ފަންޑު ހަމައެކަނި ޑޮލަރުން ބެލެހެއްޓުމަށް ހުށަހެޅި ނަމަވެސް، ފަހުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެ ގޮތަށް ފަންޑު ބެލެހެއްޓުން އުނދަގޫވާނެ ކަމަށެވެ. ބިލު އަލުން ޑްރާފްޓުކޮށް ފިނޭންސްގެ ކޮމެންޓަށް ފޮނުވާތާ މިހާރު ހަތަރު މަސް ވެފައިވާ ކަމަށް އިދާރީ މޭޒުން ބުންޏެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ ފާހަގަކުރެއްވި ގޮތުގައި، ކޮމެޓީއަށް އަންނަ ގިނަ ބިލުތައް ދައުލަތުގެ މުއައްސަސާތަކުން ލިބެންޖެހޭ މައުލޫމާތު ނުލިބިގެން އަހަރު ދެއަހަރު ވަންދެން ޕާކުވެފައި ހުންނަ ކަމަށެވެ. ބިލު ހަދާފައި ފޮނުވާއިރު ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރެވިގެން އަންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، ބިލުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމެޓީން ޓައިމްލައިނެއް ހަދާފައި އޮތް ނަމަވެސް، މިނިސްޓްރީން އިސްލާހު ހުށަހެޅުމަށް ފަހު އަލުން އިސްލާހު ހުށަހަޅައި، އިތުރު މުއްދަތު ހޯދަމުން ދާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން މަސައްކަތް ސީރިއަސްކޮށް ނަގައިގެން ނޫނީ ކުރިއަށް ނުދެވޭނެ ކަމަށް ބުނެ، މަޖިލީހުގެ ރައީސްގެ ފަރާތުން ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުވުމަށް އޭނާ ހުށަހެޅިއެވެ.
މުގައްރިރު ސަލީމް އިންޒާރު ދެއްވި ގޮތުގައި، ދެން މާލިއްޔަތު ކޮމެޓީން ފިނޭންސް މިނިސްޓްރީއަށް ދޭ މުއްދަތުގައި މައުލޫމާތު ހިއްސާ ނުކޮށްފި ނަމަ، ކޮމެޓީއަށް ފެންނަ ގޮތަކަށް ބިލު ފާސްކުރާނެއެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލުގައި ހިމެނެނީ ފަންޑު ބެލެހެއްޓުމަށް ފިނޭންސް މިނިސްޓްރީގެ ދަށުން 'ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް' ގާއިމުކުރުމާއި، އެ އޮފީސް މިނިވަން މާލީ އޮފީހެއްގެ ގޮތުގައި ހިންގުމެވެ. ފަންޑުގެ ކަސްޓޯޑިއަން އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކަމަށާއި، ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ކޮންމެ ތިން މަހުން އެއްފަހަރު ފަންޑްގެ ރިޕޯޓެއް ހުށަހަޅައި، އަހަރީ ރިޕޯޓު އާންމުކުރުމަށް ވެސް ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ