އެފްއޭއެމްގެ ކޮމެޓީތަކަށް އައު މެމްބަރުން؛ ފުޓުބޯޅައިގެ 75 އަހަރު ފާހަގަކުރާ ޚާއްޞަ ކޮމެޓީއެއް ވެސް އެކުލަވާލައިފި

އެފްއޭއެމްގެ ކޮމެޓީތަކަށް އައު މެމްބަރުން؛ ފުޓުބޯޅައިގެ 75 އަހަރު ފާހަގަކުރާ ޚާއްޞަ ކޮމެޓީއެއް ވެސް އެކުލަވާލައިފި

Author
ހުސައިން
06 އޮގަސްޓް 2025 11:57
0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ އެސޯސިއޭޝަންގެ ސްޓޭންޑިން ކޮމެޓީތަކާއި އެޑްހޮކް ކޮމެޓީތަކަށް އައު މެމްބަރުން އައްޔަންކޮށްފިއެވެ. މި ނިންމުން ނިންމީ އަންގާރަ ދުވަހު ބޭއްވި އެފްއޭއެމްގެ ހިންގާ ކޮމެޓީގެ ދެވަނަ ބައްދަލުވުމުގައެވެ.

އަންހެން ފުޓުބޯޅަ ކޮމެޓީއަށް އައްޔަންކުރި ތިން މެމްބަރުންގެ ތެރޭގައި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އިބްރާހީމް (ކައްޕި) ހިމެނޭ އިރު، ޙައްވާ ނަސްރާ ސައީދާއި ޙައްވާ ރަޝީދާ ވެސް މި ކޮމެޓީގައި ހިމެނެއެވެ.

އެމޭޗާ އެންޑް ގްރާސް ރޫޓްސް ކޮމެޓީއަށް އައްޔަންކުރީ ފަސް މެމްބަރުންނެވެ. އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު މުޙައްމަދު އުމައިރުގެ އިތުރުން، އޮޑި ސްޕޯޓްސް ކުލަބުގެ ފަރީދު މުޙައްމަދު، ގްރީން ސްޓްރީޓްސްގެ ލޫތު މުޙައްމަދު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޒަހީނުއްދީން އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުޙައްމަދު އަރީފް މި ކޮމެޓީގައި ހިމެނެއެވެ.

ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމެޓީއަށް ހަތަރު މެމްބަރުން އައްޔަންކޮށްފައިވާއިރު، އޭގެ ތެރޭގައި އެފްއޭއެމްގެ ނައިބު ރައީސް މުޖުތަބާ އަލީ، ހިންގާ ކޮމެޓީގެ މެމްބަރު އިމްރާން މުޙައްމަދު، އޮޑި ސްޕޯޓްސް ކުލަބުގެ ޢަބްދުﷲ ޝައްފާން އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޙުސެއިން ނިހާދު ހިމެނެއެވެ.

މި އަހަރު ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމާ ގުޅިގެން، އެ ތާރީޚީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޑައިމަންޑް ޖުބިލީ ކޮމެޓީއެއް ވެސް އެކުލަވާލާފައިވެއެވެ. މި ކޮމެޓީގައި ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު މުބީން، ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން އަދި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ހިމެނެއެވެ.

އެފްއޭއެމްގެ މި ކޮމެޓީތަކަށް އައު މެމްބަރުން އައްޔަންކުރުމަކީ، ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީކުރުމަށާއި، އަންހެނުންގެ ފުޓުބޯޅަ ކުރިއެރުވުމަށާއި، ޒުވާން ކުޅުންތެރިން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި އެފްއޭއެމް އިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.