ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހު ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި

Author
ހުސައިން
05 އޮގަސްޓް 2025 10:22
0

ލޯކަލް ކައުންސިލުތަކަށް މިހާރު ލިބިފައިވާ ވިޔަފާރިކުރުމާއި، ބިން ކުއްޔަށް ދޫކުރުމާއި، ތަރައްގީގެ މަޝްރޫޢުތައް ހިންގުމާއި، މުވައްޒަފުން ނެގުމުގެ ބާރުތައް އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ދައުރުގެ ފަހުކޮޅު ބެލެހެއްޓުމަށް ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ހުށަހެޅި އިސްލާހު ބިލު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.

ކޮމިޓީ މަރުހަލާގައި މި ބިލަށް މާބޮޑު ބަދަލެއް ނުގެނެސް ފާސްކޮށްފައިވާއިރު، މާދަމާގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް، ތަޅުމުން ފާސްކުރާނެކަމަށް ބެލެވެއެވެ.

މި ބިލު ފާސްކުރުމަށް ވޯޓުދިނީ ސަރުކާރު ހިންގާ ޕީއެންސީގެ ފަސް މެންބަރުންނެވެ. އެއީ ވިލުފުށީ ދާއިރާގެ ހަސަން ވަހީދު، ހެންވޭރު އުތުރު ދާއިރާގެ އަހްމަދު އައިފާން، އުނގޫފާރު ދާއިރާގެ އިބްރާހިމް ޝިފާޒް، ގެމަނަފުށީ ދާއިރާގެ އަސަދުﷲ ޝިހާބު އަދި ކޮމަންޑޫ ދާއިރާގެ އިބްރާހިމް ދީދީއެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އެކަންޏެވެ.

މި ބިލުގައި ހިމެނޭ ބަދަލުތަކުގެ ތެރޭގައި، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލުން ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކުން ކުއްޔެއް ނުނެގޭނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލުތަކުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުންކަމަށާއި، އެ މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި ބޭންކު ސްޓޭޓްމަންޓް ދޭންޖެހޭނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ކައުންސިލުގެ ދައުރުގެ ބާކީ އޮތީ އެއް އަހަރުކަމަށްވާނަމަ، ދާއިމީ ނުވަތަ ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި، ކައުންސިލުގެ އިޚްތިޞާޞްގައިވާ ބިމާއި ފަޅު ސަރަހައްދުތައް ކުއްޔަށް ދިނުމާއި، ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫޢުތައް ފެށުމަށްވެސް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިފަދަ ކަންކަން ކުރެވޭނީ ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

ގިނަ ކައުންސިލުތަކާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލަމުން އަންނައިރު، މި ބިލު ފާސްވެއްޖެނަމަ ކައުންސިލުތަކުގެ މިނިވަންކަން ގެއްލި، ލާމަރުކަޒީ ނިޒާމު ކަމުނުދާނެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.