ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހައިކޯޓުގެ ފަނޑިޔާރު މަގާމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކުރިން އެ މަގާމަށް އައްޔަންކުރުމަށް ނިންމި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު، ނަން އަނބުރާ ނަންގަވާފައިވާތީ އަލުން ހުޅުވާލި ފުރުސަތެކެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހުސްވެފައިވާ ދެ މަގާމަށް ކުރިން 17 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވެއެވެ. އޭގެތެރެއިން ޖޭއެސްސީން ނިންމާފައިވަނީ މުހައްމަދު ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރުމަށެވެ.
އެކަމަކު ޕީޕީއެމް އަދި ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ޝަހީދު، ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން އިދިކޮޅު ފާޑުކިޔުންތައް ބޮޑުވިއެވެ. މި ހާލަތުގައި ޝަހީދު ވަނީ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވުމަށް އުޒުރުވެރިވެވަޑައިގަތުމަށްފަހު، ނަން އަނބުރާ ނަންގަވާފައެވެ.
ޝަހީދު ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމެވީ ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމުގެ ބޭނުމުގައެވެ. މި ގޮތަށް ހުސްވި މަގާމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ޖޭއެސްސީން ވަނީ އިއުލާންކޮށްފައެވެ.
ޝަހީދު ނަން އަނބުރާ ނެންގެވި ނަމަވެސް، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމި އަނެއް ބޭފުޅާ ކަމުގައިވާ އަބްދުﷲ ޖަމީލް މޫސާ މިހާރު ވަނީ މަގާމުގެ ހުވާ ކުރައްވައި، ފަނޑިޔާރުކަމުގެ މަސައްކަތް ފައްޓަވާފައެވެ.
ކޮމެންޓު ފޮނުވާ