ރާއްޖޭގައި އާންމުކޮށް ބޭނުންކުރެވޭ ކާބޯތަކެތީގެ އަގުތައް ބެލުމަށްޓަކައި ސަރުކާރުން "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" ގެ ނަމުގައި އައު ނިޒާމެއް ތައާރަފުކުރުމަށް ނިންމައިފި އެވެ. މި އިންޑެކްސް ދެ ދުވަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި އިންޑެކްސްގައި ޖުމްލަ 162 ބާވަތެއްގެ މުދާ ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ގޭބީސީތަކުން ދުވަހުން ދުވަހަށް ކެއިން ބުއިމުގައި ބޭނުންކުރާ 111 ބާވަތަކާއި، މޭވާ އަދި ތަރުކާރީގެ 39 ވައްތަރަކާއި، މަސް ނުވަތަ މަހުގެ 10 ބާވަތަކާއި، ހަކަތައިގެ ދެ ބާވަތެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތައްޔާރުކުރާ މި އިންޑެކްސްގެ ބޭނުމަކީ އަގުތައް ކޮންޓްރޯލް ކުރުމަށް މަގުފަހިކުރުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ނިޒާމުގެ ތެރެއިން ގޭބީސީތަކުން އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ބަލައި، އަގުތައް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، މި 162 ބާވަތުގެ ތެރެއިން 35 ބާވަތަކީ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭ ފަދަ މުހިންމު ތަކެތި ކަމުން، އެ ބާވަތްތައް "ކްރިޓިކަލް އައިޓަމް" ތަކުގެ ގޮތުގައި ޚާއްޞަކޮށް ފާހަގަކުރާނެ ކަމަށެވެ. މިއީ ދިވެހި ގޭބީސީތަކުގެ ދިރިއުޅުމަށް ނުހަނު މުހިންމު ތަކެތި ކަމުން، އެ ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް އެނގެ އެވެ.
ކޮމެންޓު ފޮނުވާ