ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޮޑު ބަދަލުތަކެއް ގެނެސްދޭ ގަވައިދެއް ޓޫރިޒަމް މިނިސްޓްރީން އިއްޔެ ތައާރަފް ކޮށްފިއެވެ. 'ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން އިޝްތިހާރު ކުރުމުގެ ގަވައިދު' ގެ ނަމުގައި އެކުލަވާލާފައިވާ މި ގަވައިދުގެ ދަށުން، ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް އެކަނި ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެއެވެ.
މި ގަވައިދު އެކުލަވާލާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ބޭނުންކުރާ މައުލޫމާތުގެ ތެދުކަން ކަށަވަރުކޮށް، ފަތުރުވެރިންނަށް އޮޅުވާލައިގެން ނަހަމަ ގޮތުގައި ފައިސާ ހޯދުމުގެ މަސައްކަތްތަކުން ސިނާއަތް ރައްކާތެރިކުރުމަށެވެ. އަދި ޒިންމާދާރުކަމާއެކު، ފަތުރުވެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް އިޝްތިހާރުކުރުން ކަށަވަރުކުރުމަށް ވެސް މި ގަވައިދުން ބާރުއަޅައެވެ.
ގަވައިދުގެ ދަށުން އިޝްތިހާރު ކުރެވޭނީ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުފަހަރާއި، ޔޮޓު ބަނދަރުތަކާއި، ޑައިވިން ސެންޓަރުތަކާއި، އެކްސްކާޝަން އަދި ވޯޓާ ސްޕޯޓްސްގެ ހިދުމަތް ދޭ ތަންތަނަށެވެ. މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ އެހެން ތަންތަނަށް ވެސް މި ގަވައިދުގެ ދަށުން އިޝްތިހާރު ކުރެވޭނެއެވެ.
އިޝްތިހާރު ކުރުމަށް ހުއްދަ ހޯދަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލެއް މެދުވެރިކޮށެވެ. ތަންތަން އިޝްތިހާރު ކުރަންވާނީ ރަޖިސްޓްރީ އާއި އޮޕަރޭޓިން ލައިސަންސްގައި ބަޔާންކޮށްފައިވާ ދަރަޖައަށް ކަމަށް ގަވައިދުގައި ބުނެއެވެ.
ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރުމުގައި ހަގީގަތާ ހިލާފު ފޮޓޯ އާއި ވީޑިއޯ ބޭނުންކުރުން މި ގަވައިދުން މަނާކުރެއެވެ. އިޝްތިހާރުތަކުގައި އެއީ އިޝްތިހާރެއްކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެއެވެ. ހަގީގަތާ ހިލާފު އޮންލައިން ރިވިއު، ކޮމެންޓު އަދި ރޭޓިންތައް ހެދުން ވެސް މަނާއެވެ. އޭއައި ކޮންޓެންޓު ބޭނުންކުރާނަމަ އެކަން ހާމަކުރަންޖެހޭނެ ކަމަށާއި، އިޝްތިހާރުގައި ބޭނުންކުރާ ކޮންޓެންޓަކީ އަމިއްލަ ކޮންޓެންޓެއް ނުވަތަ ކޮޕީރައިޓް ގާނޫނާ ހިލާފުނުވާ ކޮންޓެންޓެއްކަން ޔަގީންކުރަން ޖެހޭނެއެވެ.
ގަވައިދާ ހިލާފުވާ ފަރާތްތަކަށް މިނިސްޓްރީން ތަފްސީލީ އެންގުމެއް ދޭނެއެވެ. އެންގުމަށްފަހު 24 ގަޑިއިރު ތެރޭގައި އިޝްތިހާރު ނުނަގައިފިނަމަ ޖޫރިމަނާ ކުރެވޭނެއެވެ. ފުރަތަމަ ފަހަރު ހިލާފުވާނަމަ 10،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން، ދެވަނަ ފަހަރު 50،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން، ތިންވަނަ ފަހަރު 100،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ތިން ފަހަރަށްވުރެ ގިނައިން ހިލާފުވާނަމަ، ލިޔުމުން އެންގުމަކާ ނުލައި ކޮންމެ ފަހަރަކު 100،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ