މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އުފައްދަން ގަސްދުކުރާ "ޕޭމަންޓް މޯލްޑިވްސް" ކުންފުނި އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުން 2021 ވަނަ އަހަރު ފާސްކުރި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު ހުށަހެޅި މި ބިލުގައި، 12 ބާބު ހިމެނޭ 66 މާއްދާގެ ގާނޫނުގެ ތެރެއިން ދެ މާއްދާއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވެ އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާނެ އެވެ.
ހުށަހަޅާފައިވާ އިސްލާހުގެ ދަށުން، ޕޭމަންޓް ސިސްޓަމް ހިންގުމަށް ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް އެމްއެމްއޭއަށް ކުންފުންޏެއް އުފެއްދުމުގެ ނުވަތަ އެފަދަ ކުންފުންޏެއްގެ ހިއްސާދާރަކަށް ވުމުގެ ބާރު ލިބިގެންދާނެ އެވެ. މީގެ އިތުރުން، އެމްއެމްއޭގެ ލައިސެންސާއި ހުއްދަ ނެތި އެއްވެސް ފަރާތަކުން ޕޭމަންޓް ސިސްޓަމެއް ހިންގުމަށް ނުވަތަ އެފަދަ ހިދުމަތެއް ދޭކަމަށް ދައްކައިގެން ނުވާނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކުރަން ހުށަހަޅާފައިވެ އެވެ.
އެމްއެމްއޭއިން ޖޫން މަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ތައާރަފުކުރި "ފަވަރަ" ޕޭމަންޓް ސިސްޓަމް ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހާމަކޮށްފައިވެ އެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ، އާ ކުންފުނި ހިންގާނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާ މުޅިން ވަކި މެނޭޖުމަންޓެއްގެ ދަށުން ކަމަށާއި، ގާނޫނު ބަދަލުވުމުން އެ ކުންފުނި އުފެއްދުމުގައި ސަރުކާރުގެ ހިއްސާ ހިމެނޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މިހާރު ދިވެހިރާއްޖޭގައި އޮންނަނީ އެމްއެމްއޭއިން ބަލަހައްޓާ "ފަވަރަ" ޕޭމަންޓް ސިސްޓަމެވެ. މި ސިސްޓަމުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވުމާއި، ރިކުއެސްޓް ޓު ޕޭ ހިދުމަތާއި، އެކައުންޓް ވެރިފިކޭޝަން ހިދުމަތު ހިމެނެ އެވެ. އަދި ސްމާޓް އެޑްރެސިންގެ ހިދުމަތު މެދުވެރިކޮށް އީމެއިލް ނުވަތަ ފޯނު ނަންބަރު ބޭނުންކޮށްގެން ފަވަރަ އޭލިއަސް ރަޖިސްޓްރީކޮށް، އެކައުންޓު ނަންބަރު ބޭނުންނުކޮށް ފައިސާ ޖަމާކުރުމުގެ ފަސޭހަކަން ވެސް ލިބެ އެވެ.
އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ނިޒާމުގެ ސަބަބުން މާލީ މުއާމަލާތްތައް ރައްކާތެރިކަމާއެކު ފަސޭހަވެ އަވަސްވުމާއެކު، މުޅި މާލީ ނިޒާމަށް އީޖާދީ އަދި އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރެ އެވެ.
ކޮމެންޓު ފޮނުވާ