ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބޮޑު ކުރިއެރުމެއް ހޯދަމުން ދާކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު 1.3 މިލިއަނަށް އަރައިފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގައި ޗައިނާ އެންމެ ކުރީގައި އޮތްއިރު، 192,370 ޗައިނާ ފަތުރުވެރިން މި އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރީ ރަޝިއާއިން ކަމަށްވާއިރު، 154,335 ރަޝިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 121,992 ފަތުރުވެރިން އައިސް ތިންވަނަ ކަމުގައިވާއިރު، އިޓަލީއިން 93,469 ފަތުރުވެރިންނާއި ޖަރުމަނުން 91,930 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
އިންޑިއާއިން 75,902 ފަތުރުވެރިން، އެމެރިކާއިން 39,840 ފަތުރުވެރިން، ފްރާންސުން 37,689 ފަތުރުވެރިން، ސްޕެއިނުން 26,116 ފަތުރުވެރިން އަދި ސްވިޓްޒަލޭންޑުން 25,554 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ގަދަ 10 ގައުމުގެ ތެރޭގައި ހިމެނިފައިވެ އެވެ.
ފަތުރުވެރިން ތިބޭ ތަންތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި ކަމަށް ފާހަގަކުރެވެ އެވެ. 957,154 ފަތުރުވެރިން ރިސޯޓުތަކުގައި ތިބިއިރު، 288,210 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ހޮޓާތަކުގައި 34,958 ފަތުރުވެރިންނާއި ސަފާރީ އުޅަނދުތަކުގައި 27,351 ފަތުރުވެރިން ތިބިކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް 175 ރިސޯޓާއި 888 ގެސްޓްހައުސް ހިންގަމުންދާއިރު، 159 ސަފާރީ އުޅަނދާއި 16 ހޮޓާ ޓޫރިސްޓް އެކޮމޮޑޭޝަންގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވެ އެވެ. މި ހުރިހާ ތަންތަނުގައި ޖުމުލަ 64,147 އެނދު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރުވެފައި އޮވެ އެވެ.
ކޮމެންޓު ފޮނުވާ