އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި!

އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި!

Author
ހުސައިން
03 އޮގަސްޓް 2025 02:41
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް، އެ މަގާމުން ވަކިކޮށް އެމްއެމްއޭގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިކަން އެނގިއްޖެއެވެ.

މި ބަދަލު ގެނައީ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އޭނާގެ ގުޅުން އޮންނަ ކުންފުނިތަކުން ކުރި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ރިޕޯޓެއް ސޯޝަލް މީޑިއާގައި އާންމު ވެފައި ވަނިކޮށެވެ. މި ރިޕޯޓް އިއްޔެ ލީކުވެފައިވާއިރު، އެ ރިޕޯޓުގައި ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރުމަށް ފިނޭންސް މިނިސްޓްރީން ސިވެކަށް ދިން 23 މިލިއަން ރުފިޔާއާ ގުޅޭ ތަފްސީލު ހިމެނެ އެވެ.

ލީކުވި ރިޕޯޓުގައި ބުނާ ގޮތުން، 2023 ވަނަ އަހަރުގެ ނޮވެމްބަރު 13 ގައި ފިނޭންސް މިނިސްޓްރީން ސިވެކަށް ޖަމާކުރި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން އޮފިޝަލް އިވެންޓްސްއަށް ބަދަލުކޮށްފައިވެ އެވެ. އަދި އޮފިޝަލް އިވެންޓްސްއިން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އާއި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮފިޝަލް އިވެންޓްސްއަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ، ކުންފުނީގެ ހިއްސާދާރުންނަށް ރެއިންބޯ އެންޓަޕްރައިސަސްއިން ތަރައްގީކުރާ ރެއިންޕާލް ރެސިޑެންސްގެ ދެ އެޕާޓްމަންޓު ގަތުމަށް ކޮމިޓްމަންޓް ފީގެ ގޮތުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ކޮންމެ އެޕާޓްމަންޓެއްގެ ޖުމުލަ އަގަކީ 20 މިލިއަން ރުފިޔާކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ޖަމާކޮށްފައިވާކަމަށް ލީކުވި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އަޝްރަފް މަގާމުން ވަކިކުރުމަށްފަހު، އެފްއައިޔޫގެ ވެރިޔާގެ މަގާމަށް އައު މީހަކު އައްޔަންކުރި ނަމަވެސް، އެ މީހަކީ ކާކުކަން އަދި ސާފެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން އެމްއެމްއޭއިން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވެ އެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ޝުޖާއު ވިދާޅުވެފައިވަނީ މި ރިޕޯޓުގެ ސައްޙަކަން ކަށަވަރު ނޫންކަމަށާއި، އޭނާގެ ކުންފުނިން ގާނޫނާ ޚިލާފް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.