އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ޖޭއެސްސީން ރައީސަށް ލަފާ އަރުވަނީ

އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ޖޭއެސްސީން ރައީސަށް ލަފާ އަރުވަނީ

Author
ހުސައިން
02 އޮގަސްޓް 2025 10:15
0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވާފިއެވެ.

މި މަގާމު ހުސްވެފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިދިޔަ މަހުގެ 21 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މަގާމު ހުސްވުމުން ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވެސް ވަނީ ކުރިމަތިލައްވާފައެވެ.

މިއަދު ތިން ކެންޑިޑޭޓުންނާ އިންޓަވިއު ކުރުމަށްފަހު ޖޭއެސްސީން ތައްޔާރުކުރި ތަރުތީބު ލިސްޓުގައި އެންމެ މަތީގައި އޮތީ އަބްދުލްޣަނީ މުހައްމަދުގެ ނަންފުޅެވެ. ލިބިފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ދެވަނައަށް އަބްދުﷲ ގާޒީ އަދި ތިންވަނައަށް ޝުޖާއު އުސްމާންގެ ނަންފުޅު ވަނީ ތަރުތީބުކޮށްފައެވެ.

އަބްދުލްޣަނީ މުހައްމަދާއި ޝުޖާއު އުސްމާން ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވި ދެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. އެހެންނަމަވެސް އެ މަގާމުތަކަށް އައްޔަންކުރެވުނީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގައި ޢަމަލުކުރާ އުސޫލުގެ ދަށުން، ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅު މަޖިލީހުން ފާސްކޮށްގެން މެނުވީ އައްޔަނެއް ނުކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅު ފޮނުއްވާއިރު ޖޭއެސްސީން ފޮނުވި ތަރުތީބާ ޚިލާފަށް އެހެން ތަރުތީބަކުން ނަންފުޅު ފޮނުއްވުމުގެ އިޚްތިޔާރު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.