ހައިކޯޓަށް އައްޔަންކުރަން ނިންމި ދެ ފަނޑިޔާރުން މާދަމާ ހުވާކުރައްވަނީ

ހައިކޯޓަށް އައްޔަންކުރަން ނިންމި ދެ ފަނޑިޔާރުން މާދަމާ ހުވާކުރައްވަނީ

Author
ހުސައިން
02 އޮގަސްޓް 2025 03:09
0

ހައިކޯޓަށް އަލަށް އައްޔަންކުރެވުނު ދެ ފަނޑިޔާރުންގެ ހުވާކުރުން މާދަމާ ރޭ 8:30 ގައި ބޭއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާއިރު، ޖޭއެސްސީން ވަނީ މީޑިއާތަކަށް ދައުވަތު ފޮނުވައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެކަން އަންގާފައެވެ.

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ބަދަލުވުމުން ހައިކޯޓުގައި ހުސްވި ދެ މަގާމަށް 17 ފަރާތަކުން ކުރިމަތިލިއެވެ. ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނިންމީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އެ މަގާމުތަކަށް އައްޔަންކުރުމަށެވެ.

މުހައްމަދު ޝަހީދަކީ މިދިޔަ ސަރުކާރު ފެށުނުފަހުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އެކަމަކު މިމަހުގެ ކުރީކޮޅު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޕީއެންސީ އާއި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ.

އައްޔަންކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލި ވަކީލް އަހުމަދު ނައުޝާދެވެ. މައްސަލަ ނިމެންދެން އައްޔަންކުރުން ފަސްކުރުމަށް ވަގުތީ އަމުރަކަށް ވެސް އޭނާ އެދިފައިވެއެވެ.

ނައުޝާދު މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޔާސީ މަގާމެއް އަދާކުރި ފަރާތަކަށް ފަނޑިޔާރުކަމުގެ މަގާމުގައި ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރެވޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ޝަރުއީ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ގިނަ ބޭފުޅުން ކުރިމަތިލާފައިވާއިރު، އަމިއްލަ ކުންފުންޏެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކު ފަނޑިޔާރަކަށް އައްޔަންކުރުން އެކަށީގެންނުވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ހައިކޯޓުގެ މި ދެ މަގާމަށް ކުރިމަތިލި 17 ފަރާތުގެ ތެރޭގައި ދަށު ކޯޓުތަކުގެ އެތައް ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނެއެވެ. ނަމަވެސް ޖޭއެސްސީން ވަނީ ސިޔާސީ މަގާމެއް އަދާކުރި ފަރާތަކާއި އަމިއްލަ ދާއިރާގައި ވަކީލުކަން ކުރި ފަރާތަކު އައްޔަންކުރުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.