އަނިލް އަމްބާނީއާ ދެކޮޅަށް 3000 ކޮރޯޑް ރުޕީގެ ލޯނު މައްސަލައިގައި ގައުމުން ބޭރަށް ނުދެވޭނެ އަމުރެއް

އަނިލް އަމްބާނީއާ ދެކޮޅަށް 3000 ކޮރޯޑް ރުޕީގެ ލޯނު މައްސަލައިގައި ގައުމުން ބޭރަށް ނުދެވޭނެ އަމުރެއް

ގުޅުންހުރި

ރިލަޔަންސް ގްރޫޕްގެ ޗެއާމަން އަނިލް އަމްބާނީއާ ދެކޮޅަށް އެންފޯސްމަންޓް ޑިރެކްޓަރޭޓުން (އީޑީ) ލުކްއައުޓް ސާކިއުލާއެއް ނެރެފައިވާކަން މިދިޔަ އަންގާރަ ދުވަހު ހާމަވެއްޖެއެވެ. މިއީ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ ކޮއްކޮ އަނިލް އަމްބާނީ، 3000 ކޮރޯޑް ރުޕީގެ ލޯނު މަކަރާ ހީލަތުގެ މައްސަލައަކާ ގުޅިގެން ގައުމުން ފިލައިގެން ނުދެވޭގޮތް ހަދައިދިނުމަށް ނެރުނު އަމުރެކެވެ.

އީޑީން ތަހުގީގު ކުރަމުން މިދަނީ 2017 އިން 2019 އާ ދެމެދުގައި ޔެސް ބޭންކުން ރިލަޔަންސް ގްރޫޕްގެ ކުންފުނިތަކަށް ދޫކުރި 3000 ކޮރޯޑް ރުޕީގެ ލޯނުތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ތަހުގީގުން ދައްކާގޮތުން ލޯނު ދޫކުރުމުގެ ކުރިން ޔެސް ބޭންކުގެ ޕްރޮމޯޓަރުންނަށް ފައިސާ ދީފައިވާކަމުގެ ހެކި ފެނިފައިވެއެވެ.

މަނީ ލޯންޑްރިންގް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހިންގާ މި ތަހުގީގުގެ ތެރެއިން، ޖުލައި 24 ގައި ފަންސާހަށްވުރެ ގިނަ ކުންފުނިތަކެއްގައި ތިން ދުވަހުގެ މުއްދަތަށް ރެއިޑް ހިންގާފައިވެއެވެ. މި ރެއިޑްތަކާ ގުޅިގެން ރިލަޔަންސް ޕަވާ އާއި ރިލަޔަންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ސްޓޮކް އެކްސްޗޭންޖަށް އަންގާފައިވަނީ، އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދޭނެކަމަށާއި، ނަމަވެސް އެކުންފުނިތަކުގެ ވިޔަފާރިއަށާއި މާލީ ހާލަތަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށެވެ.

މީގެ އިތުރުން އީޑީން ތަހުގީގު ކުރަމުންދާ އިތުރު މައްސަލައެއްގެ ގޮތުގައި، 68.2 ކޮރޯޑް ރުޕީގެ ދޮގު ބޭންކް ގެރެންޓީއެއްގެ މައްސަލަވެސް ހިމެނެއެވެ. ބިސްވަލް ޓްރޭޑްލިންކް ނަމުގައި ހިންގާ ޝެލް ކުންފުނިތަކަކުން ސޯލާ އެނަރޖީ ކޯޕަރޭޝަން އޮފް އިންޑިއާއަށް ދޮގު ބޭންކް ގެރެންޓީއެއް ދޫކޮށްފައިވާކަމަށް ތުހުމަތުކުރެވެއެވެ. މިކަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ޑޮމެއިނާ އެއްގޮތް s-bi.co.in މި ޑޮމެއިން ބޭނުންކޮށްގެން ދޮގު އީމެއިލްތައް ފޮނުވައިގެން މަކަރު ހަދާފައިވާކަމަށް ބެލެވެއެވެ.

އަނިލް އަމްބާނީ އަކީ ރިލަޔަންސް އޭޑީއޭ ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރެވެ. 2006 ގައި ރިލަޔަންސް އިންޑަސްޓްރީޒް ލިމިޓެޑުން ބައިކުރުމުން އުފެދުނު މި ގްރޫޕްގެ ވިޔަފާރީގެ ތެރޭގައި ޓެލެކޮމިއުނިކޭޝަން، ކަރަންޓް، އިންފްރާސްޓްރަކްޗާ އަދި މާލީ ޚިދުމަތްތައް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ