މި އަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 490.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މިއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 17.7 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްޓީސީސީން އިއްޔެ އާންމުކުރި މާލީ ހިސާބުތަކުން ދައްކާގޮތުން، ދެވަނަ ކުއާޓަރުގައި ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 72.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ކުންފުނި ހިންގައިގެން 49.7 މިލިޔަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ. ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 27.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު 1.3 މިލިޔަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. މި ދާއިރާއިން ދެވަނަ ކުއާޓަރުގައި 498.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މި މުއްދަތުގައި 313 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރެއިން 9 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި 64 އައު މަޝްރޫޢެއްގެ މަސައްކަތް ވަނީ ފަށާފައެވެ.
އެމްޓީސީސީން އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 2 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ. މިއީ ޖުމްލަ 5.5 މިލިޔަން ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ