އަދާލަތު ޕާޓީގެ ރައީސްގެ މާއްދާ ބަދަލުކުރަން އިމްރާން ހުށަހަޅުއްވައިފި

އަދާލަތު ޕާޓީގެ ރައީސްގެ މާއްދާ ބަދަލުކުރަން އިމްރާން ހުށަހަޅުއްވައިފި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2021 03:06
0

ފާޑުކިޔުން ތަކާއިހެދި އަދާލަތު ޕާޓީގެ ރައީސްގެ މާއްދާ ބަދަލުކުރަން އެޕާޓީގެ މިހާރުގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ އިސްލާހު ހުށަހަޅުއްވައިފިއެވެ.

އިމްރާން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށްވުން ހިމެނިފައި އޮތީ ދީނީ ގޮތުން ލާޒިމްކުރާ ކަމަކަށް ނުވިޔަސް ޕާޓީ އުފެދުނުއިރު ޕަޓީގެ މެމްބަރުން ބޭނުންވީ އެގޮތް ކަމަށް އޭރުގެ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ނަމަވެސް މިވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލައި ޕާޓީ އިތުރަށް ހުޅުވާލައި ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރި ވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް ފެންނާތީ، އަދާލަތު ޕާޓީގެ ރައީސްގެ ކަބައިގައި ހުރުން ލާޒިމްކުރަ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހު ހުށަހަޅައިފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

މިގޮތަށް އަޅުގަނޑު އިސްވެ އިސްލާހު ހުށަހެޅީ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާއިވެސް މަޝްވަރާ ކުރުމަށްފަހު މަޝްވަރާ މަޖިލީހުގެ 7 މެމްބަރުންގެ ރައޮޔާއި އެކު.

– އިމްރާން ވިދާޅުވިއެވެ.

ދެހާސްދިހަ ވަނަ އަހަރު އިލެކްޝަންސްގައި ރަޖިސްޓްރީކޮށްފައިވާ އަދާލަތު ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭނީ ފިރިހެނުންނަށް އެކަންޏެެވެ. އެހެން ނަމަވެސް މި ފަހުން ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު ވަނީ އިސްލާހުކޮށްފަ އެވެ.

އަދާލަތު ޕާޓީން މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް އަންހެނަކަށް ކުރިމަތިލެވެން ނެތްއިރު، އެމަޤާމަށް އެޕާޓީގެ ތެރެއިން ބައެއް އަންހެން ބޭފުޅުންގެ ޝައުގުވެރިކަން ހުރިކަން ނުސީދާ ގޮތަކަށް ދަނީ ފާޅުރަމުންނެވެ. ނަމަވެސް ފުރުސަތު ނެތުމުން މަޤާމަށް ކުރިމަތިލާނެކަމަށް އަދި މިހާތަނަށް އެޕާޓީގެ އެއްވެސް އަންހެން ބޭފުޅަކު ހާމަކުރައްވާފައިނުވެއެވެ.

އަދާލަތު ޕާޓީގެ ތެރޭގައިވެސް ސިޔާސީގޮތުން އަންހެނުންގެ ދައުރު ފުޅާވެ، ކުރީސަފަަށް ނިކުންނަ އަންހެނުން ދަނީ ގިނަވަމުންނެވެ. އެގޮތުން ކުރީގެ ޖެންޑަ މިނިސްޓަރ ޝިދާތާ ޝަރީފްއާއި، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމްއަކީވެސް އެޕާޓީ ތެރެއިން ފާހަގަކޮށްލެވޭ ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް ގުނާލެވޭ ކަނބަލުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.