ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ރަސްމީ ޢިސްޒަތުގައި ފަސްތާނު ލައިފިއެވެ. ސާބިރު އަވަހާރަވީ މިއަދު ހެނދުނު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް 73 އަހަރުގެ ޢުމުރުފުޅުގައެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފު ލިބިވަޑައިގަތް ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވުނީ މިއަދު ޢަޞްރު ނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. މޫނު ދެއްކުމާއި ކަށުނަމާދު ކުރެވުނީ އިސްލާމީ މަރުކަޒުގައެވެ. އެމަނިކުފާނު ވަޅުލެވުނީ ރަސްމީ އިއްޒަތާއެކުގައެވެ.
ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ވަރަށް ބޮޑު ހިތާމައާއެކު ކަމަށާއި، މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުޢާ ދަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ކުރީގެ ރައީސުންނާއި ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ލީޑަރުންވެސް ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާގެ ބަސް ވިދާޅުވެފައިވެއެވެ.
ޙަސަން ޞާބިރަކީ ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާތަކުގައި ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ވަޒީރުކަމުގެ ދައުރުގައި މި ދާއިރާތަކަށް އެތައް މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ