ޖަޕާނުގެ ސަފީރު ހަސަން ސޯބިރު އަވަހާރަވުމުގެ ހިތާމާގައި ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ޖަޕާނުގެ ސަފީރު ހަސަން ސޯބިރު އަވަހާރަވުމުގެ ހިތާމާގައި ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

Author
ހުސައިން
28 ޖުލައި 2025 10:10
0

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ހަސަން ސޯބިރު މިއަދު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާގެ އާއިލާއަށް ހިތާމައިގެ ތައުޒިޔާ ވިދާޅުވެއްޖެއެވެ. ސޯބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިއްޔެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ނިޝާން އިއްޒުއްދީން އިއްޒަތް އެރުވި ސޯބިރު އަވަހާރަވި ޚަބަރު އެއްސެވުމަކީ މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

ސޯބިރަކީ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާތަކަށް އެތައް ބިނާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން އެކި ޤައުމުތަކަށް ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވި ޑިޕްލޮމެޓެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސޯބިރުގެ ދިގު މުއްދަތުގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ އެންމެ މަތީ އިނާމު ކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަޤަބު، ރައީސް މުއިއްޒު އޭނާއަށް އެރުވީ އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ނަމަވެސް ޞިއްޙީ ހާލަތު ތަންނުދެއްވާތީ، ސޯބިރަށް ޖަލްސާއަށް ވަޑައިނުގެންނެވުނެވެ. އޭނާގެ ބަދަލުގައި އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.

ހަސަން ސޯބިރަކީ ދިވެހި ދައުލަތުގެ އެކި މަޤާމުތަކުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އޭނާގެ ވިޔަފާރީގެ ދާއިރާއިންނާއި ޚާރިޖީ ޚިދުމަތުގެ ދާއިރާއިން ކޮށްދެއްވި ޚިދުމަތްތައް އަބަދުވެސް ދިވެހިންގެ ހިތްތަކުގައި ދެމިއޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.