ދިވެހިރާއްޖޭގެ ކުރިއެރުމަށް އެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތްކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭ: ރައީސް

ދިވެހިރާއްޖޭގެ ކުރިއެރުމަށް އެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތްކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭ: ރައީސް

Author
ޙަސަން މުޙައްމަދު
27 ޖުލައި 2025 09:39
0

ދިވެހިރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ މުހިންމު ބައެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރޭ ރަސްމީކޮށް ހުޅުވައިފި އެވެ. 457 މިލިއަން ޑޮލަރު ނުވަތަ 7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި ޒަމާނީ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމުގެ ތަރައްގީއަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ކުރިއެރުމަށް އެންމެން އަތުގުޅާލައިގެން މަސައްކަތްކުރުމަކީ މިއަދު އަޒުމް ކަނޑައަޅަންޖެހޭ ކަމެކެވެ. އެހެން ހުރިހާ ކަމަކަށްވުރެ ގައުމު އިސްކުރުމުގެ ފިކުރު ގެންގުޅުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެއް ކަމުގައި އެ މަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

މި ފަދަ އެކުވެރިކަމާއެކު ކުރިއަށް ދިއުމުން ދިވެހިރާއްޖެއަށް އިތުރު ތަރައްގީތައް ހާސިލްކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބިނާތަކާއި މައުނަވީ ތަރައްގީގެ އިތުރުން ސިކުނޑީގެ ތަރައްގީ ވެސް އެއާއެކު ހާސިލްވާނެ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އާ ޓާމިނަލް ނިންމުމުގައި ދިމާވި ގޮންޖެހުންތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެން ގުޅިގެން މަސައްކަތް ނުކުރި ނަމަ މި މަޝްރޫއު ނިންމުމަށް އިތުރު ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. އަސްލު ޕްލޭންގައި ޓާމިނަލް ފުރިހަމައަށް ނިމޭނީ 2027 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ލަފާކުރެވިފައި އޮތް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މިނިވަން ދުވަހުގައި އާ ޓާމިނަލް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ސަބަބު ވިދާޅުވަމުން، އެއާޕޯޓަކީ ދިވެހިރާއްޖޭގެ އިގްތިސާދީ މިނިވަންކަމާ ސީދާ ގުޅިފައިވާ ތަނެއް ކަމަށާއި، އެއީ މިނިވަންކަމުގެ މުހިންމު ބައެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެއާޕޯޓުގެ އެންމެ މުހިންމު ބިނާއަކީ ޓާމިނަލް ކަމަށް ވާތީ، މި ޚާއްސަ ދުވަހުގައި ހުޅުވުމަށް ނިންމެވި ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގައި މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.