ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ހަވާ އެރުވުމުގެ ދުނިޔޭގެ ރެކޯޑް އެޓެމްޕްޓެއްގައި ބައިވެރިވެފައެވެ.
މި ކުންފުނިން ބައިވެރިވީ އެއްފަހަރާ ކޮރިއޮގްރާފްކޮށްފައިވާ ފަޔަރވޯކްސް ޑިސްޕްލޭއެއް އެންމެ ގިނަ ތަންތަނުން ކުރިއަށް ގެންދިއުމުގެ ދުނިޔޭގެ ރެކޯޑް މަސައްކަތުގައެވެ. އެމްއޭސީއެލްގެ ފަރާތުން ބުނެފައިވަނީ މިއީ ދުނިޔޭގެ ފެންވަރުގައި އުފާފާޅުކުރުމަކާ ދިވެހިރާއްޖެ ގުޅުވައިލި، ހަނދާނުން ފިލައިނުލެވޭނެ ތާރީޚީ ވަގުތުކޮޅެއް ކަމަށެވެ.
ރަސްމިއްޔާތުގައި އާ ޓާމިނަލް އަލިކޮށްލީ ދިވެހި ސަގާފަތް ފާހަގަކުރާ ގޮތަށް ތައްޔާރުކޮށްފައިވާ ހަވާ އެރުވުމާއި، ޑްރޯން ޝޯ އާއި ލައިޓު ޝޯ އަދި ޓާމިނަލް ކުރިމަތީގައި ދެއްކި ތަފާތު ޕްރޮޖެކްޝަންތަކުގެ ރީތި މަންޒަރުތަކުންނެވެ. މި ހުރިހާ ކަމަކުން ވެސް ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި އެމްއޭސީއެލްއިން ހާސިލްކޮށްފައިވާ ފަޚުރުވެރި ކާމިޔާބީތައް ފާހަގަކުރެވިގެން ދިޔަކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ރޭގެ ހަފްލާގައި ހުށަހެޅި ސްޓޭޖް ޕާފޯމަންސްތަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީޚާއި، މިއަދާ ހަމައަށް އައުމުގެ ދަތުރު، ސަގާފީ ތަފާތު ނެށުންތަކުގެ ތެރެއިން ދައްކުވައިދިނެވެ. ޓާމިނަލް ހުޅުވުމުގެ ކުރިން ބޭއްވި ޑްރޯން ޝޯއިން ދިވެހިރާއްޖެ އާއި މިނިވަންކަމާ ގުޅުންހުރި އެކި މަންޒަރުތައް ދައްކުވައިދިން އިރު، މާލެ ވަށައިގެން 19 ތަފާތު ދިމާލަކުން ހަވާ އަރުވައި، ރައްޔިތުންނަށް ހިތްގައިމު މަންޒަރެއް ފެނިގެން ދިޔައެވެ.
ކޮމެންޓު ފޮނުވާ