ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް "ނިޝާން އިއްޒުއްދީން" ރިޓަޔަރޑް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ދެއްވައިފި

ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް "ނިޝާން އިއްޒުއްދީން" ރިޓަޔަރޑް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ދެއްވައިފި

Author
ހުސައިން
27 ޖުލައި 2025 09:29
0

ރިޓަޔަރޑް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނަށް ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތްކަމަށްވާ "ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން" ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުއްވައިފިއެވެ.

ގާނޫނީ ދާއިރާގައި ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ގާނޫނީ ދާއިރާއަށް ޤާބިލު މީހުން ތައްޔާރުކުރުމަށް ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި މަތިވެރި އިއްޒަތް އެމަނިކުފާނަށް އެރުވުނެވެ.

މުއުތަސިމް އަދުނާން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ މިމަހުގެ 21 ވަނަ ދުވަހުއެވެ. ޑިސެންބަރު 2019 ގައި އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު އެމަނިކުފާނު، މީގެ ކުރިން 2009 އިން 2014 ޑިސެންބަރާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޚިދުމަތް ކުރައްވާފައިވެއެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ މަސައްކަތް ކުރެއްވި ޤާނޫނީ ވަކީލުންގެ ތެރޭގައި މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ. އަދި މިހާރު އަމަލުކުރާ ޤާނޫނުއަސާސީގެ ދަށުން ޝަރަފުވެރިކަމާއެކު ރިޓަޔަރވެ ވަޑައިގެންނެވި ފުރަތަމަ އުއްތަމަ ފަނޑިޔާރަކީވެސް އެމަނިކުފާނެވެ. މީގެ ކުރިން އައްޔަންކުރެވުނު ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަޤާމުން ދުރުކުރެވުނު ބޭފުޅުންކަން އެނގެއެވެ.

އުއްތަމަ ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވުމަށް މުއުތަސިމް އަދުނާން ނިންމެވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައިކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.