ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މިރޭ ރަސްމީކޮށް ހުޅުވިފައިވާއިރު، މި ބޮޑު މަޝްރޫޢު ކާމިޔާބުކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ބައިވެރިވުން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މިރޭ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާ ޓާމިނަލް ހުޅުވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، މިފަދަ ކާމިޔާބީތައް ހޯދޭނީ ގިނަ ބަޔެއްގެ އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި ބިޔަ މަޝްރޫޢު ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި، ރައީސް ޞާލިޙްގެ ސަރުކާރުގައި ވެސް މަޝްރޫޢުގެ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މި ދެ ރައީސުންގެ ދައުރު ޚާއްޞަކޮށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ "މި ދެ ރައީސުންނަށް، ރައީސް ޔާމީން އާއި ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ކަމަށެވެ.
މި މަޝްރޫޢަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ހަތަރު ބައިނަލްއަޤްވާމީ ފަންޑުގެ ނަން ޚާއްޞަކޮށް ފާހަގަކުރައްވާ، އެ ފަރާތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެއާޕޯޓްގެ މަސައްކަތް ނިންމާލުމަށް ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންގެ ޚިދުމަތް ވެސް ރައީސް މުއިއްޒު ވަނީ އަގުވަޒަންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ މުވައްޒަފުންގެ ބުރަ މަސައްކަތް ނެތިނަމަ، އާ ޓާމިނަލް ހުޅުވުމަށް އިތުރު ދޮޅު އަހަރު ދުވަސް ހޭދަވާނެ ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށް ބެލެވޭއިރު، މި މަޝްރޫޢު ކާމިޔާބުކުރުމުގައި ތިން ސަރުކާރެއްގެ މަސައްކަތް ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވުމަކީ ޤައުމީ މަޞްލަޙަތަށް އިސްކަންދޭ ސިޔާސަތެއްގެ ނަމޫނާއެއް ކަމަށް ގިނަ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ