އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ އައު ކްރެޑިޓް ލައިން ހަމަޖައްސައި ދީފި

އިންޑިއާއިން ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ އައު ކްރެޑިޓް ލައިން ހަމަޖައްސައި ދީފި

Author
ހުސައިން
25 ޖުލައި 2025 08:25
0

ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން 565 މިލިއަން އެމެރިކާ ޑޮލަރުގެ އައު ކްރެޑިޓް ލައިނެއް ފޯރުކޮށްދިނުމަށް މިއަދު އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށްފަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރެވެ. ދިވެހިރާއްޖޭގެ ފަރާތުން މި މުހިންމު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެއްވީ، މި ކްރެޑިޓް ލައިނުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް މުހިންމު އެކި ދާއިރާތަކުގައި މަޝްރޫއުތައް ހިންގާނެ ކަމަށެވެ. މީގެ ތެރޭގައި ޑިފެންސް، ކުޅިވަރު، ސިއްހަތު އަދި ތައުލީމީ ދާއިރާތަކުގެ މަޝްރޫއުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އެކުލަވާލުމަށް މަޝްވަރާތައް ފެށުމަށް އެއްބަސްވެވުނުކަމީ ވަރަށް ބޮޑު އުފަލެއް ގެނެސްދޭ ކަމެކެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިންމު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ސަރުކާރުގެ ދައުރުގައި ވެސް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން 878 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްގެ ދަށުން ރާއްޖޭގައި މުހިންމު ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގިފައިވެއެވެ. މި އައު ކްރެޑިޓް ލައިނަކީ ރާއްޖޭގެ ތަރައްގީގެ މަގުގައި އިތުރު ބާރަކަށް ވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.