ބަންގްލަދޭޝްގެ އެއަރފޯސްގެ ބޯޓެއް ވެއްޓުނު ހާދިސާއާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ އެއަރފޯސްގެ ބޯޓެއް ވެއްޓުނު ހާދިސާއާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
ހުސައިން
21 ޖުލައި 2025 09:54
0

ބަންގްލަދޭޝްގެ އެއަރފޯސްގެ ޓްރެއިނިންގ އެއަރކްރާފްޓެއް އެ ޤައުމުގެ އުތުރުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ދަނާލަށް ވެއްޓި، 19 މީހަކު މަރުވެ، ސަތޭކަ މީހުންނަށް އަނިޔާ ލިބުނު ހިތާމަވެރި ހާދިސާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ ބަސްފުޅު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝް އެއަރފޯސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވެއްޓުނީ އެފް-7 ބީޖީއައި މޮޑެލްގެ ފައިޓަރ ޖެޓެއް ކަމަށެވެ. ހާދިސާ ހިނގި ސަރަޙައްދުން އަލިފާން ރޯވެ ކަޅު ދުން ބޯވެފައިވާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.

ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދަތި ވަގުތުގައި ބަންގްލަދޭޝްގެ ޗީފް އެޑްވައިޒަރ މުހައްމަދު ޔޫނުސްއާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނާ އެކު ބައިވެރިވާ ކަމަށެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ހިތްވަރާއި ކެތްތެރިކަން ލިބިގަތުމަށް ދުޢާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި، މި ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކުގެ ތެރޭގައި އެ ސްކޫލުގެ ދަރިވަރުން ގިނައެވެ. އަނިޔާ ލިބުނު ފަރާތްތައް ވަނީ އެ ސަރަޙައްދުގެ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާ ދެމުން ގެންދާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މިފަދަ ހާދިސާތައް ތަކުރާރުނުވުމަށް ބަންގްލަދޭޝް އޮތޯރިޓީޒްއިން ފިޔަވަޅު އަޅާނެ ކަމަށް އުންމީދު ކުރެވޭ އިރު، މި ހާދިސާގެ ސަބަބު ބެލުމަށް ތަޙްޤީޤެއް ފަށައިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.