އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވައިފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވައިފި

Author
ހުސައިން
21 ޖުލައި 2025 11:43
0

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު މުއުތަސިމް އަދުނާން މިއަދު ރަސްމީކޮށް ފަނޑިޔާރުކަމުން ވަކިވެވަޑައިގަތެވެ. އެމަނިކުފާނު ރިޓަޔަމަންޓަށް އެދި ހުށަހެޅުއްވީ މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނިންމަވާފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓް މިއަދުން ފެށިގެން ތަންފީޒުކުރުމަށް ވަނީ ނިންމަވާފައެވެ. މި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުގެ ހިންގުމުގެ ޒިންމާ ވަގުތީގޮތުން ހަވާލުކުރެވިފައިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ޙަމީދާއެވެ.

ފަނޑިޔާރުންގެ ރިޓަޔަމަންޓް ގަވާއިދުގައިވާ ގޮތުން، އުއްތަމަ ފަނޑިޔާރު މުއުތަސިމްއަށް އެއްފަހަރާ ލިބިވަޑައިގަންނަވާނީ 185,100 ރުފިޔާއެވެ. މީގެ އިތުރުން، ކޮންމެ މަހަކުވެސް އަސާސީ މުސާރައިގެ 1/40  ބައިގެ މިންވަރަކާއި، ފަނޑިޔާރުކަމުގެ ޚިދުމަތް ކުރެއްވި މުއްދަތާ އެއްވަރުގެ އަދަދެއް ލިބިވަޑައިގަންނަވާނެއެވެ.

ރިޓަޔަމަންޓް އިނާޔަތްތަކުގެ ތެރޭގައި މެޑިކަލް އިންޝުއަރެންސްގެ ޚިދުމަތްވެސް ޝާމިލުވެއެވެ. މި ޚިދުމަތުގެ ދަށުން އެމަނިކުފާނުގެ އަނބިމީހާގެ އިތުރުން، އުމުރުން 18 އަހަރު ނުވާ ދަރިންނަށްވެސް ސިއްހީ ޚިދުމަތް ލިބިގަތުމުގެ ފުރުސަތު އޮންނާނެއެވެ.

އުއްތަމަ ފަނޑިޔާރެއްގެ ގޮތުގައްޔާއި އާންމު ފަނޑިޔާރެއްގެ ގޮތުގައި އަޙްމަދު މުއުތަސިމް އަދުނާން ދިގު މުއްދަތެއްގައި ކޮށްދެއްވި ޚިދުމަތްތަކަށް ސުޕްރީމް ކޯޓުން ވަނީ އިޚްލާސްތެރި ޝުކުރެއް އަދާކޮށްފައެވެ. އެމަނިކުފާނުގެ ޚިދުމަތުގެ މުއްދަތުގައި ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް ކޮށްދެއްވި މުހިންމު ޚިދުމަތްތައް ފާހަގަކުރައްވާ، ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނަށް އެންމެ ފުރިހަމަ އެދުންތައް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.