ކުޑަހުވަދޫ ކައުންސިލާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ކުންފުންޏާ ގުޅިގެން ކުޑަހުވަދޫގައި ތަރައްޤީކުރާ 160 އެޕާޓްމަންޓުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ފަށައިފިއެވެ. މި މަޝްރޫޢުގެ ފުރަތަމަ ޓަވަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމާއެކު، މާލެ ފިޔަވައި އަތޮޅުތެރޭގައި ޕްރައިވެޓް ސެކްޓަރުން ކުރިއަށްގެންދާ ފުރަތަމަ ބޮޑު ހައުސިންގ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ކަންކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވި ރަސްމިއްޔާތުގައި ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވީ، ސަރުކާރުން މިހާރު އެކި ފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަމުންދާ ކަމަށާއި، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންވެސް މަސައްކަތްކުރަންޖެހެނީ ފުއްދުންތެރި ބަޔަކަށްވުމަށް ކަމަށެވެ. މިގޮތުން ކުޑަހުވަދޫއަކީ މުޅި ރާއްޖެއަށް ރަނގަޅު މިސާލެއް ދައްކައިދޭ ރަށެއް ކަމަށް މުއްޠަލިބް ވިދާޅުވި އެވެ.
"މާވޭރު" ނަމުގައި ތަރައްޤީކުރާ މި ފުރަތަމަ ޓަވަރުގައި 80 އެޕާޓްމަންޓް ހިމެނޭ އިރު، ޖުމްލަ 160 އެޕާޓްމަންޓް ދެ ޓަވަރަކަށް ބަހާލައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ. ކޮންމެ އެޕާޓްމަންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ ހިމެނޭ އިރު، 1200 އަކަފޫޓުގެ ޖާގައިގައި ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ޑިޒައިންކޮށްފައިވާނެ އެވެ.
މި މަޝްރޫޢަކީ ކުޑަހުވަދޫގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން، ރަށުގެ އިޤްތިޞާދީ ހަރަކާތްތެރިކަން އިތުރުކޮށް، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނެ މުހިންމު މަޝްރޫޢެކެވެ. އާރުސީސީން މިހާރު ވަނީ މި އެޕާޓްމަންޓްތައް ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފަ އެވެ.
ކޮމެންޓު ފޮނުވާ