މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހުކުރު ދުވަހު ހަވީރު 05:30 ފެށިގެން ރޭގަނޑު 10:00 އާއި ހަމައަށެވެ.
އެ އިދާރާއިން ބުނި ގޮތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ އިރު، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެވެއެވެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ދިޔަވަރު ބޮޑުވާ ވަގުތުގައި މެދުރާއްޖެތެރެއާއި އުތުރުގައި ރާޅުގެ އުސްމިން 7 ފޫޓު ހުންނާނެ ކަމަށާއި ދެކުނުގައި ރާޅުގެ އުސްމިން 6 ފޫޓު ހުންނާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައިގެން ދަތުރުކުރުމަށް އެ އިދާރާއިން އިރުޝާދުދީފައިވެއެވެ.
ކޮމެންޓު ފޮނުވާ