ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރު 1.09 ބިލިއަން ރުފިޔާ ޖަމާވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ. މިއީ ފާއިތުވި އަހަރުގެ މިހާތަނަށް ޖަމާވި 708.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު 54.4 ޕަސެންޓުގެ އިތުރުވުމެކެވެ.
2017 ވަނަ އަހަރު އުފެއްދި މި ފަންޑަކީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލުކަން ހޯދުމަށާއި، އިގުތިސާދަށް ކުރިމަތިވެދާނެ ދަތި ހާލަތްތަކުގައި ދަރަނި އަދާކުރުމުގެ ކުޅަދާނަކަން ދެމެހެއްޓުމަށް ޚާއްސަ ފަންޑެކެވެ. މި ފަންޑަށް އާމްދަނީ ލިބެނީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގަށް ގެނައި ބަދަލުތަކުން އިތުރުވާ ފައިސާއިންނެވެ.
ސަރުކާރުން ނިންމާފައިވާ ގޮތުން މިއަހަރާއި އަންނަ އަހަރު ދައުލަތުގެ ދަރަނި އަދާކުރުމަށް ސޮވެރިން ފަންޑުގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓުމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ