މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަލަށް ގުޅުނު 56 މުވައްޒަފުން މިއަދު މަގާމުގެ ހުވާ ކޮށްފިއެވެ. ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މުވައްޒަފުންނަށް ހުވާ ލައިދެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދެވެ.
ގާޒީ އަބްދުﷲ މުހައްމަދު ވަނީ އަލަށް ގުޅުނު މުވައްޒަފުންނަށް ނަސޭހަތްތެރިވަމުން، ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު މަގާމުގެ ޒިންމާތައް އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ނަޒާހަތްތެރިކަމާ އެކު ޚިދުމަތް ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ ވިދާޅުވީ، އަލަށް ޚިދުމަތާ ގުޅުނު މުވައްޒަފުންނަކީ ކަސްޓަމްސްގެ މުސްތަގުބަލަށް މުހިންމު ބައެއް ކަމަށެވެ. އެމަނިކުފާނު ވަނީ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ކަސްޓަމްސް އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވާ، ފަޚުރުވެރިކަމާއި ވިސްނުންތެރިކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުމަށް ހިތްވަރު ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސް ވެރިންނާއި ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަކީ ކަސްޓަމްސްގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުއައްސަސާގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކަސްޓަމްސްއިން މިދިޔަ މެއި މަހު 160 އަށް ވުރެ ގިނަ މުވައްޒަފުން ނެގުމަށް އިއުލާން ކޮށްފައިވާއިރު، މިއީ އެ އިއުލާނުގެ ދަށުން ނަގާފައިވާ ފުރަތަމަ ބަޔެވެ. ކަސްޓަމްސްގެ ޚިދުމަތް ފުޅާކޮށް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު މުވައްޒަފުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ނަގާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ