ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާއަށް ކުރީގެ އެންމެހައި ރައީސުންނާއި ނައިބު ރައީސުންނަށް ދަޢުވަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ހާމަކުރެއްވީ ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
ޖުލައި 27 ގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ވެރިންނަށް ދަޢުވަތު އަރުވާ ސަބަބު ބަޔާންކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމުގައި އެންމެހައި ދިވެހިންގެ ޚިދުމަތަށް ސަރުކާރުން އަގުވަޒަންކުރާތީ ކަމަށެވެ.
"މިނިވަންކަމުގައި އެ ހުރިހާ ބޭފުޅުންގެ އަގު ސަރުކާރުން ވަޒަން ކުރައްވާތީ ދައުވަތު އަރުވަނީ" ކަމަށް އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ. ސޯޝަލް ސެންޓަރުގެ ހޯލުގައި 1500 މީހުންނަށް ޖާގަ އޮތުމާއެކު، އެ އަދަދަށް ދަޢުވަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މިނިވަންކަމުގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުލައި 26 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް ކުރީގެ އެންމެހައި ރައީސުންނަށް ދަޢުވަތު އަރުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓު ކުރެވެއެވެ.
ކޮމެންޓު ފޮނުވާ