ރާއްޖެއަށް ޗައިނާ ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 19 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް ޗައިނާ ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 19 ޕަސެންޓް އިތުރުވެއްޖެ

Author
ހުސައިން
16 ޖުލައި 2025 09:13
0

ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 19.2 ޕަސެންޓް އިތުރުވެފައިވެއެވެ.

މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1,190,064 ފަތުރުވެރިންގެ ތެރެއިން 161,853 ފަތުރުވެރިންނަކީ ޗައިނާގެ ފަތުރުވެރިންނެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 135,671 ފަތުރުވެރިންނެވެ.

ޗައިނާގެ އިތުރުން އެހެނިހެން މާކެޓްތަކުން ވެސް ފަތުރުވެރިން އައުން އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. ރަޝިއާއިން ފަތުރުވެރިން އައުން 21.4 ޕަސެންޓް އިތުރުވެ 138,550 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިނގިރޭސިވިލާތުން 16.1 ޕަސެންޓް އިތުރުވެ 114,439 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އިޓަލީއިން ފަތުރުވެރިން އައުން 8 ޕަސެންޓް އިތުރުވެ 89,685 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުން 5.6 ޕަސެންޓް އިތުރުވެ 86,192 ފަތުރުވެރިން އައިސްފައިވެއެވެ. އިންޑިއާއިން ވެސް 5.3 ޕަސެންޓް އިތުރުވެ 70,747 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އެމެރިކާއިން ފަތުރުވެރިން އައުން 4.8 ޕަސެންޓް މަދުވެ 37,102 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފްރާންސުން 4.9 ޕަސެންޓް އިތުރުވެ 36,181 ފަތުރުވެރިން އައިސްފައިވެއެވެ. ސްވިޓްޒަލޭންޑުން 2.9 ޕަސެންޓް އިތުރުވެ 23,926 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ 175 ރިސޯޓާއި 877 ގެސްޓްހައުސް ހިންގަމުންދާއިރު، 159 ސަފާރީ އުޅަނދާއި 16 ހޮޓާ ޓޫރިސްޓް އެކޮމޮޑޭޝަންގެ ގޮތުގައި ޚިދުމަތްދެމުންދެއެވެ. މި ހުރިހާ ތަންތަނުގައި ފަތުރުވެރިންނަށް ޚާއްޞަކޮށްފައިވާ އެނދުގެ ޖުމްލަ އަދަދަކީ 64,373 އެނދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.