ބ. ކަމަދޫގެ އީދު ކުޅިވަރުތަކުން ފާހަގަކޮށްލެވުނު އައިމިނަތު ޒާރާ އާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ކައިވެނި ނިމުމަކަށް އައިސްފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 10 ގައި ކޮށްފައިވާ މި ކައިވެންޏަކީ އޮޅުވެލިފުށީގައި ކުލަގަދަ ހަފްލާއަކާއެކު ކުރިޔަށް ގެންދެވުނު ކައިވެންޏެކެވެ. މީގެ އިތުރުން ޒާރާގެ އުފަންރަށް ކަމަދޫގައިވެސް ކައިވެނީގެ އުފާ ފާޅުކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވިފައިވެއެވެ.
މި ދެބޭފުޅުންގެ ކައިވެނި ނިމުމަކަށް އައިކަން ޔަޤީންކޮށްދެމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދެބޭފުޅުން ކައިވެނި ކުރީ ލޯބިން ކަމަށެވެ. އަދި ކައިވެނި ނިމުމަކަށް ގެނައީވެސް ދެފަރާތުން ރަނގަޅު މަޝްވަރާތަކެއް ކުރުމަށްފަހު، އެކަކު އަނެކަކަށް އިހުތިރާމްކޮށް، ހަމަޖެހުމާއެކު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޔާމްގެ ޝަޚްޞިއްޔަތާ ބެހޭގޮތުން ވާހަކަދައްކަމުން އައްބާސް ވިދާޅުވީ، ސިޔާމަކީ އެއްވެސް މީހަކާމެދު ނާއިންސާފުން އަމަލުކުރާ ބޭފުޅެއް ނޫންކަމަށާއި، ކޮންމެ މީހަކާމެދުވެސް އޯގާތެރިކަމާއި ރަހުމަތްތެރިކަމާއެކު މުޢާމަލާތު ކުރައްވާ ބޭފުޅެއްކަމަށެވެ.
ކުރިން މި ދެބޭފުޅުންގެ ކައިވެންޏަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެން ބައެއް ވާހަކަތައް ފެތުރިފައިވީ ނަމަވެސް، ޒާރާ އޭރުވެސް ވަނީ އެ ވާހަކަތައް ދޮގުކޮށް، ސިޔާމްގެ ޝަޚްޞިއްޔަތަށް ބަދަލެއް ނާންނާނެކަމަށް ވިދާޅުވެފައެވެ. ސިޔާމްގެ ހެޔޮ ސިފަތަކަކީ އޭނާގެ ކިބައިން ނިގުޅައިނުގަނެވޭނެ ސިފަތަކެއްކަމަށް ޒާރާ އޭރު ފާހަގަކުރެއްވިއެވެ.
ޒާރާއާ ކައިވެނި ކުރެއްވިއިރު ސިޔާމަށް މޮރޮކޯ އަންހެނަކާ ކުރެއްވި ކައިވެންޏަކުން އެންމާބަނޑު ދެ ދަރިން ލިބިވަޑައިގެންފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ