ފަންނުވެރިންނަށް ސަރުކާރުން ހަމަޖައްސާފައިވާ 25 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން އަންނަ އޮގަސްޓު މަހުން ފެށިގެން ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ހާމަކުރައްވައިފިއެވެ.
"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އަސްވާޑް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ ފަންނުވެރިންނަށް މި އެހީ ފޯރުކޮށްދިނުމަށް ކަމަށާއި، އޭގެ ފުރަތަމަ ބައި އޮގަސްޓު މަހުގައި ދޫކުރުމަށް އުންމީދުކުރާ ކަމަށެވެ.
މި އެހީ ދިނުމުގެ އުސޫލުތައް މިހާރު ތައްޔާރުވެފައިވާ ކަމަށާއި، ގާނޫނީ ލަފާ ހޯދުމާއި އެހީ ދޭނެ ސީދާ ގޮތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އުސޫލުތައް އެކުލަވައިލުމުގައި ފަންނުވެރިންގެ ޚިޔާލު ހޯދުމަށްޓަކައި ގިނަ އާޓިސްޓުންނާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވާ ކަމަށާއި، އެފަރާތްތަކުގެ ހުށަހެޅުންތަކާ އެއްގޮތަށް އެހީ ދިނުމުގެ އުސޫލު ނިންމާފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.
މި އެހީތެރިކަން ފޯރުކޮށްދޭނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށާއި، ޕޯޓަލް ތައްޔާރުކޮށް ޓެސްޓުކޮށް ނިންމުމަށް ކޮންމެވެސް ވަރަކަށް ވަގުތު ނަގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކަނޑައެޅިފައިވާ ވަގުތަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަސްވާޑް ދެއްވިއެވެ.
މީގެ އިތުރުން އޮލިމްޕަސް ބިލްޑިންގައި ފަންނުވެރިންނަށް ހިލޭ ޖާގަ ބޭނުންކުރުމުގެ ފުރުޞަތު މިހާރުވެސް ދެމުންދާ ކަމަށާއި، ފަންނުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ