އެމްއެމްޕީއާރުސީން ހަތަރު އަހަރު ފަހުން ފުރަތަމަ ފަހަރަށް 27 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފި

އެމްއެމްޕީއާރުސީން ހަތަރު އަހަރު ފަހުން ފުރަތަމަ ފަހަރަށް 27 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފި

Author
ހުސައިން
15 ޖުލައި 2025 12:12
0

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އަހަރީ އާންމު ޖަލްސާ އިއްޔެ ބޭއްވުމާއެކު، ވޭތުވެދިޔަ މާލީ އަހަރު 27.49 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދައިފައިވާކަން އިއުލާނުކޮށްފިއެވެ. މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ކޯޕަރޭޝަނަށް ފައިދާ ލިބުނު ފުރަތަމަ ފަހަރެވެ.

2023 ވަނަ އަހަރު ކޯޕަރޭޝަނަށް ވަނީ 17.99 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. އެހެންކަމުން މި އަހަރުގެ ނަތީޖާއަކީ ކުންފުނި ހިންގުމުގައި ގެނައި ބޮޑު ބަދަލުތަކެއްގެ ސަބަބުން ލިބުނު ކާމިޔާބީއެކެވެ.

ކޯޕަރޭޝަނުން ބުނިގޮތުގައި، މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ އިސްލާހުތަކެއް ގެނެސްފައިވެއެވެ. މީގެ ތެރޭގައި ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 އިންސައްތަ ކުޑަކުރުމާއި، ބައިނަލްއަގްވާމީ ޕަބްލިކް ރިލޭޝަންސް ޕާޓްނަރުންގެ ޕާފޯމަންސް އޮޑިޓް ހެދުމުން 21 އިދާރާއިން 6 އިދާރާއަށް މަދުކޮށް، 4 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ސަލާމަތްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ހަރަދުކުރި އަދަދު ޖުމްލަ މާކެޓިން ބަޖެޓުގެ 80 އިންސައްތައިން 34 އިންސައްތައަށް ދަށްކޮށް، ބޮޑު އިވެންޓުތަކުން އެވްރެޖްކޮށް 2 މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާކަން ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

ޑެސްޓިނޭޝަން މާކެޓިންގެ ދާއިރާގައި އެމްއެމްޕީއާރުސީން މިހާރު ހިންގަމުންދަނީ 21 އަށްވުރެ ގިނަ ގްލޯބަލް ކެމްޕޭންތަކެވެ. އަދި ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކޯ-އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ފަށާފައިވެއެވެ.

ޓޫރިޒަމް ޕާފޯމަންސްގެ ގޮތުން ވެސް ރަނގަޅު ނަތީޖާތަކެއް ފެނިފައިވެއެވެ. ރާއްޖޭގެ ޓޮޕް 10 ސޯސް މާކެޓުތަކުން މިދިޔަ އަހަރާ އަޅާބަލާއިރު ކުރިއެރުން ލިބިފައިވާއިރު، ޚާއްސަކޮށް 2023 ގައި 39 އިންސައްތަ ދަށްވި އިންޑިއާ މާކެޓު މިއަހަރު 4 އިންސައްތަ ކުރިއަރާފައިވެއެވެ. ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް އިތުރު ޝައުގުވެރިކަން ދައްކާފައިވެއެވެ.

ގޫގުލް ޓްރެންޑްސްގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި، ޔޫރަޕާއި އޭޝިއާއިން ރާއްޖެ ސާޗްކުރުން 1000 އިންސައްތަ އިތުރުވެފައިވާކަމާއި، މިއީ މިހާރުގެ މާކެޓިން ސްޓްރެޓެޖީތަކުގެ ކާމިޔާބީ ދައްކުވައިދޭ ކަމެއްކަމަށް ކޯޕަރޭޝަނުން ބުނެއެވެ.

އަހަރީ ޖަލްސާގައި އެމްއެމްޕީއާރުސީ ބަދަލުވަމުންދަނީ ޒަމާނީ، ޑޭޓާއަށް ބިނާކޮށް މަސައްކަތްކުރާ، ނަތީޖާތަކަށް އަހައްމިޔަތުދޭ ޑެސްޓިނޭޝަން މާކެޓިން އިދާރާއަކަށް ކަމަށާއި، ޓްރާންސްޕޭރެންސީއާއި ޓީމްވޯކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފާހަގަކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.