ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާ އެޅުމަށް ބޭރު އިންވެސްޓަރުން ތިބީ ތައްޔާރަށް: އަސްވާޑު

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާ އެޅުމަށް ބޭރު އިންވެސްޓަރުން ތިބީ ތައްޔާރަށް: އަސްވާޑު

Author
ހުސައިން
15 ޖުލައި 2025 12:10
0

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް ބޭރުގެ އިންވެސްޓަރުން ތައްޔާރުވެ ތިބި ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭރުގެ ޕޮޓެންޝިއަލް އިންވެސްޓަރުންނާއި ބައްދަލުވެ އެބޭފުޅުންނާއި ވާހަކަދައްކަވާފައި ވާކަމަށެވެ.

އޮލިމްޕަސް ސިނަމާ ހުރިގޮތަށް ބަހައްޓަން ބޭނުންވާކަމަށް ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އެކަމަކު، އެތަން ބަހައްޓާފައި އެހެންތަނެއްގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އަޅަން ޖެހޭކަމަށެވެ. އޮލިމްޕަސް ސިނަމާގެ ޖާގަ ކުޑަކަމާއި އަދި އެތަނުގައި ވަސީލަތްތައް މަދުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ފިލްމު ޕްރޮޑިއުސަރުންނަށް އާމްދަނީ ހޯދުމަށް ބަރޯސާވެފައި އޮންނަ ދަތިތަކެއް ކަމަށެވެ.

އޮލިމްޕަސް ސިނަމާ މަރާމާތު ކުރުމަށް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ވަރަށް ބޮޑު ގެއްލުމެއް ވާނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިކަމުން އޮލިމްޕަސް ސިނަމާއަށް ހައްލެއް ހޯދަން ޖެހޭނީ އެހެން ގޮތެއްގައި ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން ތިބީ ތައްޔާރަށް ކަމަށާއި، ބޭނުންވަނީ އެޗްޑީސީއާއި ވާހަކަދައްކައިގެން ހުޅުމާލެއިން ބިން ހޯދައިގެން އެކަން ކުރުމަށް ކަމަށެވެ.

ހުޅުމާލޭގައި އެންމެ މަދުވެގެން 4 ސްކްރީނުގެ ސިނަމާއެއް ގާއިމްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވެފައެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ހުންނަނީ ރާއްޖޭގައި ހުންނަ ފަދަ ސިނަމާއެއް ނޫންކަމަށާއި، އެތަންތަނުގައި އެކި ސްކްރީންތަކާއި، ޝޮޕިންގ ކޮމްޕްލެކްސް އާއި އަދި އިތުރު އާރކޭޑުތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ދިމާވެފައި އޮންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިނަމާއެއް ނެތިގެން ރަގޅު ފެންވަރުގެ ފިލްމު އަޅުވާނެ ތަނެއް ނެތުމެވެ. އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއީކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފަންނާނުންނަށް 25 މިލިއަން ރުފިޔާގެ މާލީ އެހީދޭން ނިންމައިފައި ވާކަމަށް ވިދާޅުވި އަސްވާޑު ވިދާޅުވީ، އަންނަ އޮގަސްޓުގައި އެކަން ކުރުމަށް އުންމީދު ކުރެވޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.