ހުޅުމާލޭގައި 4 ސްކްރީނުގެ ޒަމާނީ ސިނަމާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ހުޅުމާލޭގައި 4 ސްކްރީނުގެ ޒަމާނީ ސިނަމާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

Author
ހުސައިން
15 ޖުލައި 2025 09:05
0

ދިވެހި ފިލްމުތައް ދައްކާނެ ތަނެއް ނެތުމުގެ ސަބަބުން ފިލްމީ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ޒަމާނީ ސިނަމާއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ސިނަމާތަކާ ގުޅޭގޮތުން އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ފިލްމީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނީ ސިނަމާތަކެއް ނެތުންކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ފިލްމުތައް އުފެއްދުމަށްފަހު އާއްމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެޅޭ ސިނަމާގައި އެންމެ މަދުވެގެން 4 ސްކްރީން ހިމެނޭނެކަމަށާއި، މިއީ ދިވެހި ފިލްމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމަށް އަސްވާޑް ވިދާޅުވިއެވެ. "އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޒަމާނީ ސިނަމާ އަޅާނަން. ސްކްރީން ނެތިގެން ސިނަމާ ނެތިގެން ފިލްމު ނޭޅުވިގެން އުޅޭ އުޅުމަށް ނިމުން ގެނުވާނަން،" އޭނާ ވިދާޅުވިއެވެ.

މި ސިނަމާ ގާއިމުކުރުމާއެކު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް އިތުރު ފުރުސަތުތައް ހުޅުވި، އެމީހުންގެ އުފެއްދުންތައް އާއްމުންނާ ހަމައަށް ފޯރުކޮށްދިނުން ފަސޭހަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަންނާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 25 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާކަމަށް އަސްވާޑް ހާމަކުރެއްވިއެވެ. މި އެހީގެ ފުރަތަމަ ބެޗް އޮގަސްޓް މަހު ފެށުމަށް އުންމީދުކުރާކަމަށާއި، އެކަމަށް ބޭނުންވާ އުސޫލުތައް ތައްޔާރުކުރެވި، ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

އުސޫލު ތައްޔާރުކުރުމުގައި ފަންނާނުންގެ ޚިޔާލު ހޯދުމަށް ދެ ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި، ގިނަ ފަންނާނުން ބައިވެރިވެ ދީފައިވާ ޚިޔާލުތަކާ އެއްގޮތަށް އުސޫލުތައް އެކުލަވާލެވިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އެހީ ދޭނީ ޕޯޓަލްއެއް މެދުވެރިކޮށްކަމަށް ވެސް އޭނާ ހާމަކުރެއްވިއެވެ.

ފަންނާނުންނަށް ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް އަސްވާޑް ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިންކަމަށާއި، މި އަހަރުގެ ތެރޭގައި ޕްރޮޑަކްޝަން ހައުސް ހުޅުވައި ފަންނާނުންނަށް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިވަގުތު ވެސް އޮލިމްޕަސް އިމާރާތުގައި ފަންނާނުންނަށް ހިލޭ ތަން ބޭނުންކުރުމުގެ ފުރުސަތު ދެމުންދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުން މިކަންކަމަށް އަހަންމިއްޔަތުކަން ދެނީ ޒުވާނުންނާއި ފަންނާނުންގެ ހުނަރުތައް ކުރިއެރުވުމާއި، އެބޭފުޅުންނަށް މަސައްކަތްކުރުމުގެ ރަނގަޅު މާހައުލެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުންކަމަށް އަސްވާޑް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.