ސަރުކާރު ކުންފުނިތަކުގެ ޗެއާމަނުން އައްޔަންކުރުމަށް ތައުލީމާއި ތަޖުރިބާއަށް އިސްކަންދޭ އާ މިންގަނޑެއް

ސަރުކާރު ކުންފުނިތަކުގެ ޗެއާމަނުން އައްޔަންކުރުމަށް ތައުލީމާއި ތަޖުރިބާއަށް އިސްކަންދޭ އާ މިންގަނޑެއް

Author
ހުސައިން
10 ޖުލައި 2025 04:39
0

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނާއި ޑިރެކްޓަރުން އައްޔަންކުރުމުގައި ބަލާނެ އާ މިންގަނޑެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކުލަވާލައި ފާސްކޮށްފިއެވެ.

ޕީސީބީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ ބޯޑުތަކަށް އެންމެ ގާބިލު ފަރާތްތައް އައްޔަންކުރެވޭކަން ކަށަވަރުކުރުމުގެ މަގުސަދުގައި މި އާ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ. އިއްޔެ ބޭއްވުނު ޕީސީބީގެ ބައްދަލުވުމުގައި މި އޮނިގަނޑު ވަނީ ފާސްކޮށްފައެވެ.

އާ މިންގަނޑުގައި ބޮޑަށް އިސްކަންދީފައިވަނީ މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ގައުމީ އޮނިގަނޑުގެ ލެވެލް 7 އަށް ފެތޭ ސަނަދެއް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ވިޔަފާރީގެ ދާއިރާއިން 5 އަހަރުދުވަހުގެ ތަޖުރިބާ ނުވަތަ މެނޭޖްމަންޓް ފެންވަރުގައި 7 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވެސް އިސްކަން ދިނުމަށް ކަނޑައަޅާފައިވެއެވެ.

މިހާތަނަށް ޕީސީބީން އަމަލުކުރަމުން ގެންދިޔައީ، ގާބިލިއްޔަތާއި ތަޖުރިބާގެ އިތުރުން، ޕީސީބީގެ ބޯޑުން ކުރިއަށްގެންދާ އިންޓަވިއުއިން މަދުވެގެން 60 އިންސައްތަ މާކްސް ހާސިލުކުރާ ފަރާތްތަކަށް އިސްކަން ދިނުމުގެ އުސޫލަށެވެ.

ތައުލީމާއި ތަޖުރިބާއަށް މިވަރަށް ބޮޑަށް އިސްކަން ދޭ އޮނިގަނޑެއް ތައްޔާރުކުރި ނަމަވެސް، ސަރުކާރު ކުންފުނިތަކުގެ މުހިންމު މަގާމުތަކަށް ސިޔާސީ ގުޅުންތަކުގެ މައްޗަށް ބަލައިގެން މީހުން އައްޔަންކުރާ ކަމުގެ ޝަކުވާއަކީ އާންމުންގެ ތެރޭގައި އުފެދިފައިވާ ބޮޑު ކަންބޮޑުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.