ދިވެހި މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސަޑަރަކަށް

ދިވެހި މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސަޑަރަކަށް

Author
ހުސައިން
07 ޖުލައި 2025 03:14
0

ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ވިޒިޓް މޯލްޑިވްސްގެ ފުރަތަމަ ދިވެހި އެމްބެސަޑަރަކަށް ހަމަޖެހިއްޖެއެވެ. މި ނިންމުން އެމްއެމްޕީއާރުސީއިން ނިންމާފައިވަނީ ދިވެހި ފަންނާނުންނާއި އުފެއްދުންތެރިން ބާރުވެރިކުރުވައި، ރާއްޖޭގެ ސަގާފީ އަދި ފަންނީ މުއްސަނދިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރުމުގެ މަގްސަދުގައެވެ.

"ޓޫ އޮފް އަސް" އަކީ ދާދި ފަހުން އިންޑިއާގައި ބޭއްވި "ބެޓްލް އޮފް ބޭންޑްސް، އިންޓަނޭޝަނަލް" މުބާރާތުގައި 12 ގައުމަކާ ވާދަކޮށް ތިން ވަނަ ހޯދި ބޭންޑެކެވެ. މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި އެންމެ ބޮޑު ކާމިޔާބީކަމުގައި ވެއެވެ.

މި ބޭންޑުގައި ހިމެނެނީ އަހްމަދު އަދުހަމް (ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓް)، ޢަބްދުﷲ ޝަމްރޫހް (ޑްރަމަރު)، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން (ވޯކަލިސްޓް އަދި ގިޓަރިސްޓް)، އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) (ލީޑް ގިޓަރިސްޓް) އަދި އަހުމަދު ޖަޝީމް (ވޯކަލިސްޓް އަދި ބޭސިސްޓް) އެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބީ ހޯދުމަށްފަހު "ޓޫ އޮފް އަސް" އިން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ބާއްވައި، އެއަށްފަހު އީދާ ދިމާކޮށް މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި ވެސް ޝޯތައް ދީފައެވެ.

އެމްއެމްޕީއާރުސީން ވިދާޅުވި ގޮތުގައި "ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް" ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރާއްޖެއަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން އިތުރުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.