ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު ރެކޯޑް މިވަރަކަށް އިތުރުވެއްޖެ

ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު ރެކޯޑް މިވަރަކަށް އިތުރުވެއްޖެ

Author
ހުސައިން
07 ޖުލައި 2025 09:56
0

އާންމުކޮށް އޮފް ސީޒަންގައި ދުވާލަކު 4،000 ޓޫރިސްޓުން އަންނަ އިރު، މިއަހަރު މި އަދަދު 5،000 އަށް އިތުރުވެ، މިމަހުގެ 5 ވަނަ ދުވަހު 6،000 ޓޫރިސްޓުން ރާއްޖެ އައިސް، ފަތުރުވެރިކަން އަންނަ މިންވަރު ރެކޯޑް އަދަދަކަށް އިތުރުވެފައިވާކަމަށް ޓޫއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 28،354 އެވެ. މިއީ ފާއިތުވި އަހަރުގެ މިދުވަސްވަރު އައި 24،627 ޓޫރިސްޓުންނާ އަޅާބަލާއިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދު 1.1 މިލިއަނަށް އަރައިފި ނަމަވެސް، މިއީ ކުރީ އަހަރާ އަޅާބަލާއިރު 9.3 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވާ ގައުމުތަކުގެ ލިސްޓުގައި ޗައިނާ ވަނީ އެއްވަނާގައި ދެމިއޮވެފައެވެ. މިއަހަރު ޗައިނާއިން 148،951 ޓޫރިސްޓުން އައިސްފައިވާއިރު، ރަޝިއާއިން 130،947 ޓޫރިސްޓުން އައިސް ދެވަނައިގައި އޮތެވެ. އިނގިރޭސިވިލާތުން 110،289 ޓޫރިސްޓުން އައިސް ތިންވަނައިގައި އޮތްއިރު، ކުރިން ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ލީޑު ކުރަމުން އައި އިންޑިއާއިން މިހާރު އަންނަނީ 68،027 ޓޫރިސްޓުންނެވެ.

2024 ވަނަ އަހަރު ރާއްޖެއަށް 2 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު، މިއަހަރު ސަރުކާރުން ލަނޑުދަނޑިއަކަށް ކަނޑައަޅާފައިވަނީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިމަހު ހުޅުވަން ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުން، މި ލަނޑުދަނޑި ހާސިލުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.