ގއ. ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ، ލޯކަލް ގަވަމެންޓް އޮތޯރިޓީން ސަސްޕެންޑް ކުރި މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެލްޖީއޭގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ އޮތޯރިޓީން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށެވެ.
ޖޫން މަހުގެ 25 ވަނަ ދުވަހު އެލްޖީއޭއިން ދެ ބޭފުޅުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރީ، ތިނަދޫ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެއެވެ. މި ނިންމުމަށް ކުރިން، ކައުންސިލާ ގުޅޭ ގިނަ ޝަކުވާތަކެއް ލިބުމުން މާޗް މަހު އިންކުއަރީއެއް ހިންގައި، އޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް ކައުންސިލަށް ހަތް ދުވަހުގެ ފުރުސަތު ދެވުނެވެ.
އެލްޖީއޭގެ ވާހަކައަކީ ތިނަދޫ ކައުންސިލުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ. މޭޔަރާއި މެމްބަރުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކޮށް، އެލްޖީއޭގެ ރިޕޯޓުގައި 19 މައްސަލައެއް ހިމަނާފައިވެއެވެ.
ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި، ރައްވެހިކަން ބަދަލުކުރުމަށް ނަގަން ނިންމި 5,000 ރުފިޔާގެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި، އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުން ހިމެނެއެވެ. އޭގެ އިތުރުން އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުމާއި، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި، ކައުންސިލުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭ ގޮތަށް ޕޯސްޓް ކުރުން ފަދަ ކަންކަންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ