އެމްޓީސީސީގެ ނަމުގައި ހިލޭ އާރްޓީއެލް ދަތުރު ދޭނެކަމަށް ބުނެ ފޭސްބުކުން ސްކޭމެއް ހިންގަމުން ދަނީ

އެމްޓީސީސީގެ ނަމުގައި ހިލޭ އާރްޓީއެލް ދަތުރު ދޭނެކަމަށް ބުނެ ފޭސްބުކުން ސްކޭމެއް ހިންގަމުން ދަނީ

Author
ހުސައިން
06 ޖުލައި 2025 12:24
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ނަމުގައި ފޭސްބުކުން އޮޅުވާލުމުގެ ސްކޭމެއް ހިންގަމުންދާކަން ފާހަގަކުރެވިއްޖެއެވެ. "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހެދިފައިވާ ފޭކް ފޭސްބުކް ޕޭޖެއް މެދުވެރިކޮށް، ކުޑަ އަގެއްގައި ހަ މަސް ދުވަހުގެ އަންލިމިޓެޑް އާރްޓީއެލް ދަތުރުކުރެވޭނެ ސްމާޓް ކާޑެއް ދޭނެކަމަށް ބުނެ މީހުންގެ މައުލޫމާތު ހޯދަމުންދާކަން އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.

އެމްޓީސީސީއިން ސަމާލުކަން ދިނުމުގައި ބުނެފައިވަނީ، މި ފޭސްބުކް ޕޭޖަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް، ސައްހަ ނޫން ޕޭޖެއް ކަމަށެވެ. އަދި އެމްޓީސީސީގެ އެއްވެސް ޚިދުމަތެއް ނުވަތަ އޮފަރެއް ބަލައިގަތުމުގެ ކުރިން، އެ ކުންފުނީގެ ރަސްމީ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކުން މައުލޫމާތު ކަށަވަރުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ޝައްކުކުރެވޭ ލިންކުތަކަށް ނުވަދެ، އަމިއްލަ މައުލޫމާތު ނުވަތަ ބޭންކު އެކައުންޓްގެ ތަފްސީލު ސައްހަކަން ކަށަވަރު ނުވާ ފަރާތްތަކާ ހިއްސާނުކުރުމަށް އެމްޓީސީސީއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި އޮންލައިން ސްކޭމްތަކުގެ މައްސަލަތައް އިތުރުވަމުންދާތީ، މިފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ޚާއްސަ އެންޓި ސްކޭމް ސެންޓަރެއް ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާކަން ފާހަގަކުރެވެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ މިފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށްވިޔަސް، ވީ އެންމެ އަވަހަކަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް އިރުޝާދު ދެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.