ގުޅީފަޅުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް އައު ބަންޑާރަ ގޯތީގެ އެއްބަސްވުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި ފިޔަވަޅު އަޅަންޖެހުނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައިވާތީ އެވެ.
މި ކަމުގައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ޖުލައި 1 ވަނަ ދުވަހުން ފެށިގެން ފުރުޞަތު ހުޅުވާލެވިފައި ވެއެވެ. އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުމުގެ ޢަމަލީ މަސައްކަތް ޖުލައި 7 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 ގައި ފެށިގެން ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
ގޯތިތަކުގެ ލޮކޭޝަން ބަދަލުވުމާ ގުޅިގެން މޭ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ގުރުއަތުލުމެއް ބޭއްވިފައި ވެއެވެ. މި ބަދަލުތަކުގެ ސަބަބުން ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓްރީތައް ބާޠިލުވެ، ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތީގެ އެއްބަސްވުންތައް އުވިގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2، ހުޅުމާލެ 3، ގުޅީފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި ޖުމްލަ 9001 ގޯތި ދޫކުރުމަށް ނިންމާފައި ވެއެވެ. ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކޮށް، ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑައި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ. ހުޅުމާލެ 3، ގުޅީފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނުނިމި ހުރި ނަމަވެސް، ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވެއެވެ.