ތަރައްގީގެ މަސައްކަތް 88 ޕަސެންޓު ނިމި، އަންނަ ސެޕްޓެމްބަރުގައި ފުރިހަމަވާނެ ކަމަށް ލަފާކުރާ ހދ. ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް ފެތުރެމުންދާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގުކޮށްފި އެވެ.
މި ތުހުމަތު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވީ ކުރީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ ސަރުކާރުން ވިއްކާލަން ނިންމާފައިވާ ތަންތަނުގެ ލިސްޓުގައި ހަނިމާދޫ އެއާޕޯޓު ހިމެނޭ ކަމަށާއި، އެ އެއާޕޯޓު ވިއްކާލަނީ އިންޑިއާގެ އަދާނީ ގްރޫޕަށް ކަމަށެވެ.
އަދި ރައީސް މުހައްމަދު މުއިއްޒު މިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ބައްދަލުކުރެއްވި މީހުންގެ ތެރޭގައި އަދާނީ ގްރޫޕުގެ ޗެއާމަން ހިމެނޭ ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވި އެވެ.
ނަމަވެސް މި ތުހުމަތުތައް ދޮގުކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އާއި މިކަމާ ބެހޭ ގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް" ކަމަށެވެ.
136 މިލިއަން ޑޮލަރު، އެއީ 2 ބިލިއަން ރުފިޔާ ހޭދަކޮށްގެން ތަރައްގީކުރަމުންދާ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ. މި މަޝްރޫއު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުންނެވެ.
2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއް ހިމެނޭ މި އެއާޕޯޓުގެ އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އެވެ. އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ވެސް މި އެއާޕޯޓު ބޭނުންކުރެވޭނެ އެވެ. މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 88 ޕަސެންޓު ވަނީ ނިމިފައި ކަމަށާއި، މުޅި މަޝްރޫއު ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށެވެ.