ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކޮށްފި

Author
ހުސައިން
04 ޖުލައި 2025 10:08
0

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާގައި ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުގެ އިސްވެރިން މަޝްވަރާކޮށްފިއެވެ. މި މުހިންމު މަޝްވަރާތައް ބޭއްވުނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާރަތުވަލްއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ސައީދު އޭނާގެ އެކްސް އެކައުންޓުގައި ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓް ޕާޓްނަރޝިޕް ފުޅާކުރުމާއި، އިގްތިސާދީ ދާއިރާގައި ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައިވެއެވެ.

މި މަޝްވަރާތައް ބޭއްވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ތައްޔާރުވަމުންދާ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެ ކަމަށް ބެލެވެއެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތަކަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މިގޮތުން 2019 ވަނަ އަހަރުގެ މާޗް މަހުގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ވެވުނު 800 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގެ ދަށުން ހިންގި 28 މަޝްރޫޢެއް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖެ ސަރުކާރާ ހަވާލުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.