ހުޅުމާލޭގެ 1500 ދަރިވަރުންގެ އާ ސްކޫލަށް "ޝަހީދު ޢަލީ ސްކޫލް" ގެ ނަން

ހުޅުމާލޭގެ 1500 ދަރިވަރުންގެ އާ ސްކޫލަށް "ޝަހީދު ޢަލީ ސްކޫލް" ގެ ނަން

Author
ހުސައިން
03 ޖުލައި 2025 08:27
0

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ބިނާކުރަމުންދާ އާ ސްކޫލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ޝަހީދު ޢަލީ ސްކޫލް" ގެ ނަން ދެއްވައިފި އެވެ. މި ނަން ދެއްވާފައިވަނީ 1557 އިން 1558 އަށް ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ސުލްޠާން ޢަލީ (ހަވަނަ) އަށް ނިސްބަތްކޮށެވެ.

ޢަލީ ރަސްގެފާނަކީ ޕޯޗުގީޒުންނާ ދެކޮޅަށް ވަޠަން ދިފާޢުކުރުމަށް ޖިހާދު ކުރައްވައި، ޤައުމަށްޓަކައި ޝަހީދުވެ ވަޑައިގަތް މަތިވެރި ދިވެހި ރަސްކަލެކެވެ. އީމާންތެރިކަމާއި ހިތްވަރުގަދަކަމުގައި މަޝްހޫރުވެފައިވާ ބޭފުޅެއް ކަމަށް ތާރީޚު ހެކިދެ އެވެ. ދިވެހި ރައްޔިތުންނާ މެދު ކުލުނާއި އިޚްލާޞްތެރިކަން ބެހެއްޓެވި، ދައުލަތަށް ވަފާތެރި ވެރިއެކެވެ.

1500 އެއްހާ ދަރިވަރުންގެ ޖާގައިގެ މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ބިނާކުރާ މުހިންމު މަޝްރޫޢެކެވެ. މި ސަރުކާރުގެ ފުރަތަމަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ ގޮތުގައި 2023 ވަނަ އަހަރުގެ ޑިސެންބަރު 23 ވަނަ ދުވަހު ރައީސް މުޢިއްޒު މި ސްކޫލުގެ ބިންގާ އެޅުއްވި އެވެ.

މި ސްކޫލުގައި އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް ހިމެނޭނެ އެވެ. މިއީ ހުޅުމާލޭގެ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ފެންވަރު ރަނގަޅު ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ މުހިންމު މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.